ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ރަށެއްގެ ގޮތުގައި ހދ. ވައިކަރަމުރައިދޫ ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި ހދ އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
ކައުންސިލުގެ 10 މެންބަރުން ސޮއި ކުރައްވާ ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުމަށް އިއްޔެ ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ މިއަދާ ހަމައަށް ހދ އަތޮޅުގައި އެއްވެސް ރިސޯޓެއް ހުޅުވިފައި ނުވާތީ، އަތޮޅުގެ ރައްޔިތުންނަށް ލިބެންވާ އެތައް ވަޒީފާގެ ފުރުސަތުތަކެއް ގެއްލިފައިވުމުގެ އިތުރުން ހދ. އަތޮޅުގައި ވަޒީފާގެ ފުރުސަތު ނެތުމުގެ ސަބަބުން އަތޮޅު ދޫކޮށް ހިޖުރަކުރާ ރައްޔިތުން އިތުރުވަމުން ދިޔުމާއި އަތޮޅުގެ އިގްތިސާދު ދަށަށް ދިޔުން ފަދަ އެތައް ކަމެއް އެއަތޮޅުގެ ރައްޔިތުންނަށް ލިބެމުން ދިޔުމާ އެކު ހދ އަތޮޅުގައި ދަނޑުވެރިކަން ކުރުމަށްޓަކައި އަމިއްލަ ފަރާތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ވައިކަރަމުރައިދޫއިން ހދ. އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ކަހަލަ މަންފާއެއް ލިބެމުން ގޮސްފައިނުވާ ކަމަށެވެ.
ސަރުކާރު ކޯލިޝަންގެ އަގުލަބިއްޔަތު އޮންނަ ހދ. އަތޮޅު ކައުންސިލުން ނެރުނު ގަރާރުގައި އިތުރަށް ބުނެފައިވަނީ އެއަތޮޅުގައި ރިސޯޓު ހެދުމަށް އެކަށީގެންވާ 4 ރަށުގެ ތެރެއިން ވައިކަރަމުރައިދޫއަކީ ރިސޯޓެއް ތަރައްގީކުރުމަށް އެކަށީގެންވާ ރަށެއް ކަމަށާއި އަދި އެއަތޮޅުގެ ހުރިހާ ރަށު ކައުންސިލުތަކުން މިކަންތައްތަކަށް އިއްތިފާގުވުމާއެކު ހދ. ވައިކަރަމުރައިދޫ މިހާރު ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު ހަމަވުމުން ދަނޑުވެރިކަމަށް ކުއްޔަށް ދޫކުރައްވާ ރަށްތަކުގެ ލިސްޓުން އެރަށް އުނިކޮށް ރިސޯޓު ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާ ދެއްވާ ރިސޯޓު ހެދުމަށް ބީލަމަށް އެރަށް ހުޅުވައިދެއްވުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
2008 ވަނަ އަހަރު ހދ. އަތޮޅުން ތިން ރަށެއް ރިސޯޓު ތަރައްގީ ކުރުމަށް ދޫކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ރަށެއް ނިންމާ ހިދުމަތް ދޭން ފަށާފައެއް ނުވެ އެވެ.
ހދ އަތޮޅުގައި ރިސޯޓެއް ނެތް މައްސަލައިގައި މިހާރުގެ އަތޮޅު ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.