މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އިއްޔެ ށ.ކޮމަންޑޫ ރަށުކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓަރު މިބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އެމްއެންޑީއެފްގެ ފަރާތުން ކައުންސިލަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށާއި ރޯދަމަހުގެ ކުރިން ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރ ސާރވިސްގެ ހިދުމަތް ގާއިމްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި އެރަށުގައި ޤާއިމް ކުރެވިފައިވާ ފެނުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފެނުގެ ދަތިކަން ކުރިމަތިވެފައިވާ ދުވަސްވަރު ފެން ފޯރުކޮށްދިނުމަށް ކޮމަންޑޫ ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް އެކަން ކުރެވިއްޖެނަމަ އެކަމަށް ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިބައްދަލުވުމުގައި ރަށު ކައުންސިލުގެ ރައީސް މުހައްމަދު ސިނާން ދެއްކެވި ވާހަކާގައި ރަށުގެ ކޮންމެ ގެޔަކަށް ގޭސް ޑިޓެކްޓަރަކާއި ފަޔަރ ބްލޭންކެޓެއްގެ އިތުރުން އަލިފާން ނިވާ ފުޅިއެއް ރޯދަމަސް އައުމުގެ ކުރިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވަރަށް ފަހުން އެމްއެންޑީއެފް ނޮދަންއޭރިއާއިން ރަށުގައި ހިންގި ފަޔަރ އެވެއަރނެސް ޕްރޮގްރާމަކީ ކާމިޔާބު ބޭނުންތެރި ޕްރޮގުރާމެއް ކަމަށް ވިދާޅުވެ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ވޮލަންޓިއަރ ފަޔަރ ސާރވިސްއެއް ރަށުގައި ގާއިމްކުރުމަށް ބޭނުންވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލުގެ ރައީސްގެ ވާހަކައިގައި ރައްޔިތުންގެ ހަރަދުގައި ހޯދާފައިވާ ފެންޕްލާންޓު މެދުނުކެނޑި ފެންފޯރުކޮށްދޭތާ 12 އަހަރުވެފައިވާ ކަމަށާއި އެޕްލާންޓުން ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފެން ނުއުފެދޭކަން ފާހަގަކުރައްވާ އިތުރު ފެން ޕްލާންޓެއް ހޯދުމަށް ޑިޒާސްޓަރ މެނޭޖުމެންޓު ސެންޓަރުގެ އެހީތެރިކަން ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި އެޕްލާންޓުގެ ކެޕޭސިޓީއަށް ބަލައި ކައިރި ރަށްރަށަށް ވެސް ފެން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ނާޒިމްގެ އިތުރުން ކޮމަންޑޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިނާނާއި ކައުންސިލް މެންބަރު މުޙައްމަދު މުފީދާއި ޢަބްދުއްޞަމަދުގެ އިތުރުން ކޮމަންޑޫގެ ބައެއް ޒުވާނުން ބައިވެރިވެލެއްވި އެވެ.