މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ބޭންކް އޮފް މޯލްޑިވްސްގެ ހިންގުމުގެ ފައިދާ މިދިޔަ ކުއާޓަރއަށް ވުރެ %35 އިތުރުވެ، 199 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
ބީއެމްއެލްގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ހިސާބުތަކާއެކު މިއަދު ޝާއިއު ކުރި ނޫސްބަޔާނުގައި ވާގޮތުން އެކުންފުނީގެ ޚަރަދުތައް ރަނގަޅަށް ކޮންޓްރޯލްކުރެވި އާމްދަނީ ވަނީ %10 އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ފައިސާގެ އަދަދު 199 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ބޭންކުގައި ޑިޕޮސިޓް ކުރެވިފައިވާ ފައިސާގެ އަދަދު ވަނީ %17 މައްޗަށް ގޮސްފައި ވާކަމަށް ބޭންކުގެ ނޫސްބަޔާނުގައި ވެއެވެ.
ބީއެމްއެލްގެ މިކާމިޔާބީއާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މިއީ މާލީ ގޮތުން ބަލާއިރު ވަރަށް ހަރުދަނާ ރަނގަޅު ނަތީޖާއެކެވެ.
މި ނަތީޖާ އާއި ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އަދި ލިބޭ އާމްދަނީއާ އަޅާބަލާއިރު ކުރެވޭ ޚަރަދުތައް ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށާއި ބޭންކުން ދޫކުރާ ލޯނުތަކަށް ފައިސާ ހޯދުމުގައި ރަނގަޅު ކުރިއެރުމެއް ލިބެމުންދާ ކަމަށެވެ.
“މި ވަގުތު އަޅުގަނޑުމެންގެ އަމާޒު ގެެއްލުވާލައިގެން ނުވާނެ. ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ފުޅާކުރެވޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ. މި ދިޔަ ދުވަސްތަކުގައި މައިގަނޑުގޮތެއްގައި ފައިދާ އިތުރުވެގެން ގޮސްފައިވަނީ އުފެއްދުންތެރި ނޫން ލޯނުތަކަށް ހޯދުނު ފައިސާއިން. ބޭންކުން ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މި ވަގުތު ހުރީ އަޅުގަނޑުމެންވެސް އަދި ކަސްޓަމަރުންވެސް ބޭނުންވާާ ފެންވަރުގައި ނޫންކަން އަޅުގަނޑުމެން ޤަބޫލުކުރަން.” އެންޑްރޫ ހީލީ ވިދާޅުވި އެވެ.
އެންޑްރޫ ހީލީ ވިދާޅުވީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީ އަށާއި ސްޓާފުން ތަމްރީން ކުރުމަށް އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ބައިނަލް އަޤްވާމީ ފެންވަރުގައި ޚިދުމަތް ދިނުމުގެ ގާބިލްކަން ލިބިގެންވާ، މިހާރަށްވުރެ މާ ރަނގަޅު ބޭންކަކަށް ބީއެމްއެލް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ވެސް ބީއެމްއެލްއަށް ވަނީ ރިކޯޑް އަދަދަކަށް ފައިދާވެފަ އެވެ.