ހއ. އިހަވަންދޫގައި ފާނަބަސަންދު ފެތުރެމުންދާތީ އެބައްޔާމެދު ސަމާލުވުމަށް އެރަށު ސިއްހީ މަރުކަޒުން އިލްތިމާސް ކޮށްފި އެވެ.
އިހަވަންދޫ ސިއްހީ މަރުކަޒާއި ހަވާލުވެހުންނެވި އަހުމަދު އުބައިދުއްﷲ ކުޅުދުއްފުށީ އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފާނަބަސަންދު ޖެހިގެން ސިއްހީ މަރުކަޒަށް ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ކަމަށާއި މިހާތަނަން 13 މީހަކު މިބަލި ޖެހިގެން ރިޕޯޓް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިބައްޔަކީ ފަސޭހަކަމާއެކު އެކަކުގައިން އަނެއްކަކުގަޔަށް ވާރުތަކުރާ ބަޔެއްކަމުން މިބަލި ކޮންޓުރޯލު ކުރުމަށްޓަކާ ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިކަމާ ބެހޭ މައުލޫމާތު ސްކޫލުތަކާއި ރަށުގައި ހުރި ސަރުކާރުގެ މުައްސަސާތަކާ ހިއްސާ ކޮށްފައިވާ ކަމަށާއި އަދި މިބަލީގެ އަލާމާތެއް އެއްވެސް ފަރާތަކަށް ފާހަގަ ކުރެވިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ މާހިރެއްގެ ލަފާހޯދުމަށް އުބައިދުއްﷲ އެދިލެއްވި އެވެ.
ފާނަބަސަންދު ޖެހިއްޖެނަމަ ބަލިމީހާ ގެންގުޅޭ ތަކެއްޗާއި އުޅޭތަންވެސް އެހެންމީހުންނާ ވަކިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުމަށާއި އަދި މީގެ އިތުރުން މި ބަލި ޖެހިފައިވާ ފަރާތެއްނަމަ މީހުންގެ ތެރެއަށް ނުނިކުމެ ވީހާވެސް އެކަހެރިކޮށް އުޅުމަށް އެމަރުކަޒުން އިލްތިމާސްކުރެ އެވެ.
ބަލިން ރައްކާތެރިވުމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު ޕޮރޮގްރާމްތައް ރާވާ ހިންގަމުންދާ ކަމަށާއި ފުޅާދާއިރާއެއްގައި މިކަމާގުޅޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ރަށުގެ ހުރިހާ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްފައިވެ އެވެ. އެބައްދަލުވުމުގައި ފާނަބަސަންދު ފެތުރުން ހުއްޓުވުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އިހަވަންދޫ ސިއްހީ މަރުކަޒުން ހާމަކުރެ އެވެ.