9 ވަނަ މައިލޯ ކުލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން އެސްޓީއޯ އިން ހޯދައިފި އެވެ.
އިއްޔެ ހަވީރު މާފަންނު ސްޓޭޑިއަމްގައި ކުޅެވުނު ފައިނަލް މެޗުގައި އެސްޓީއޯ އިން ޕޮލިސް ކުލަބްގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މިއީ އެސްޓީއޯ އިން މި މުބާރާތް ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގައި ޓީމްގެ ކެޕްޓަން އިމްރާން މުހައްމަދު (އިންމި) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޓީއޯގެ ޝައިހާން އަލީ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް 2-0 ގެ ލީޑެއް ހޯދާފަ އެވެ. ޕޮލިސް ކުލަބުންވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ. ނަމަވެސް ވަރަށް ހުޝިޔާރު ކަމާއެކު ޑިފެންސް ކުރަމުންދިޔަ އެސްޓީއޯ އިން ވަނީ ޕޮލިސް ކުލަބްގެ ހަމަލާތައް ހުއްޓުވާފަ އެވެ.
ދެވަނަ ހާފު ފަށައިގެން ޕޮލިސް ކުލަބުން ކުރަމުންދިޔަ ބުރަ މަސައްކަތްތަކަށް އިތުރު މާޔޫސް ކަމެއް ލިބުނީ އެސްޓީއޯގެ މުސްތަފާ އަބްދުލް ކަރީމް ވަނީ އަނެއްކާވެސް އިތުރު ގޯލެއް ކާމިޔާބު ކުރުމުންނެވެ. ނަމަވެސް މެޗުގެ ފޯރިގަދަވީ ހިތްވަރާއެކު މެޗުގައި ގިނަ ހަމަލާތައް އުފެއްދި ޕޮލިސް ކުލަބުން ކައިރި ކައިރީގައި ދެ ގޯލް ކާމިޔާބު ކުރުމުންނެވެ. މި ގޯލްތައް ކާމިޔާބު ކޮށްދިނީ އަލީ ފަހުމީ އާއި އަހްމަދު ރިޝްފާން އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އެސްޓީއޯ އަށް ލިބުނު ދުރު ޕެނަލްޓީއެއް އިންމި ފޮނުވާލުމާއެކު ނުކުތް ރިބައުންސް ވަނީ އެސްޓީއޯގެ ޝާހް މުހައްމަދު ގޯލުގެ ތެރެއަށް ވައްދާލައި އިތުރަށް ލީޑު ފުޅާކޮށްފަ އެވެ.
މެޗުގެ ފަހު ފަސް މިނެޓްގައި ޕޮލިސް ކުލަބަށްވަނީ ދެ ދުރު ޕެނަލްޓީ އަދި ކައިރި ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ނަމަވެސް މެޗުގެ މޮޅުު ކުޅުންތެރިޔާ މަޤާމަށް ހޮވުނު އެސްޓީއޯގެ ކީޕަރ ފަތުހީ މޫސާ ވަނީ މިތަނުން ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. އަދި ފަހު ޕެނަލްޓީ ޕޮލިސް ކުލަބުން ޖެހީ ބޭރަށެވެ. މުބާރާތް މިލްކް ކުރަން ތައްޔާރުވެފައި އޮތް އެމްޕީއެލް ސެމީގައި ކަޓުވާލުމަށްފަހު ފައިނަލަށް ދަތުރުކުރި އެސްޓީއޯއިން ވަނީ ތަޖްރިބާގެ ބޭނުންކޮށް މެޗުގެެ ލީޑު ދަމަހައްޓާ މެޗު ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އެސްޓީއޯ ޓީމުގެ ކެޕްޓަން އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު އިމްރާން މުހައްމަދު (އިންމި)، ކީޕަރ ފަތުހީ މޫސާ އާއި އެމްޓީސީސީގެ ހަސަން މިފްރާހު އަދި އެމްޕީއެލްގެ އަލީ މާއިޝް އެވެ. 14 ގޯލް ކާމިޔާބު ކޮށްގެން އެންމެ ގިނަ ގޯލް ކާމިޔާބު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިސްމާއީލް އީސާ އެވެ.
ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އިމިގްރޭޝަނެވެ. އަދި އެންމެ މޮޅު ކޯޗަކަށް އެސްޓީއޯ ގެ ކޯޗު އަހްމަދު ނިޔާޒް ހޮވުނުއިރު ބެސްޓް ސަޕޯޓާސް އަށް ހޮވިފައިވަނީ އެމްއާރްޑީސީ އެވެ.
މި މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޕޮލިސް ކުލަބާ ވާދަކޮށް 3-2 އިން މޮޅުވެގެން ހޯދީ ދިވެހި ސިފައިންގެ ކުލަބުންނެވެ.