އެމްއެންޑީއެފްއިން ކުޅުދުއްފުށީގައި އަޅާ ފުޓްސެލް ދަނޑުގެ ސައިޒު ފީފާގެ މިންގަނޑަށް ވުރެ ކުޑަވުމުން އެކަމާ ހިތްހަމަނުޖެހިގެން ބައެއް ޒުވާނުން ކުޅުދުއްފުށީ ކައުންސިލާ ބައްދަލު ކޮށްފި އެވެ.
ކުޅުދުއްފުށީގައި އެމްއެންޑީއެފްއިން އަޅަން ނިންމާފައިވަނީ 25 މީޓަރ ދިގު 15 މީޓަރ ފުޅާ ދަނޑެކެވެ. ފީފާގެ ގަވައިދުގައި ބުނާ ގޮތުން ފުޓްސެލް ދަނޑެއްގެ ދިގުމިނުގައި ހުންނަޖެހޭނީ 38 މީޓަރާއި 42 މީޓަރުގެ ދިގުމިނެއްގަ އެވެ. އަދި ފުޅާމިނުގައި ހުންނަން ޖެހޭނީ 20 މީޓަރާއި 25 މީޓަރުގެ ދެމެދުގަ އެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް އައިމަން މުހައްމަދު ވިދާޅުވީ ޒުވާނުން އެދިފައިވަނީ ފީފާގެ މިންގަނޑަށް އެރަށުގައި އަޅާ ދަނޑު ބޮޑުކުރުމަށް ޔޫތު މިނިސްޓްރީ އާއި އެމްއެންޑީއެފާ ކައުންސިލުން ވާހަކަ ދައްކައިދިނުމަށް ކަމަށެވެ.
އައިމަން ވިދާޅުވީ އެއްވެސް ކަމެން މެދުވެރިވެގެން މިހާރު އަޅާ ދަނޑުގެ މަސައްކަތް ހުއްޓެން ކައުންސިލާއި ކުޅުދުއްފުށީގެ ޒުވާނުން ބޭނުންނުވާ ކަމަށެވެ.
ކުޅުދުއްފުށީގައި އަޅާ ޓާފް ދަނޑު ލެވެލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފްއިން އިއްޔެ ވަނީ ފަށާފަ އެވެ.
ކުޅުދުއްފުއްޓަކީ ފުޓްސަލް މުބާރާތްތައް ވަރަށް ގިނައިން ބާއްވަމުން އަންނަ ރަށެކެވެ. އެގޮތުން ޒިގްޒެގް އޮފީސް ފުޓްސަލް މުބާރާތަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ.
ނޯޓް: ހަބަރު ޝާއިއުކުރިފަހުން ވަނީ އެޑިޓް ކުރެވިފައި