twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ތެލަސީމިޔާ ކުދިންނާއި ބެލެނިވެރިންގެ ޝަކުވާތައް އަޑުއަހާ ހައްލު ހޯދައިދޭން ޖެހޭ

May 8, 2014

ކޮންމެ އަހަރެއްގެ ވެސް 8 މޭ އެއީ ތެލަސީމިޔާ ކުދިންގެ ދުވަސް ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ތެލަސީމިޔާގެ ސަބަބުން މި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ކުދިންގެ ހަނދާން އާކުރުމާއި ތެލަސީމިޔާއާ ހަނގުރާމަ ކުރަމުންދާ ކުދިންނަށް ރަނގަޅު ހަޔާތެއް ހޯދައިދިނުމަށް ބާރު އެޅުމެވެ.

ތެލަސީމިޔާއަކީ ހަށިގަނޑުގައި ހަށިގަނޑުގައި އުފައްދަންޖެހޭ ވަރަށް ހެމޯގުލޮބިން ނުއުފެއްދުމުގެ ސަބަބުން ނުވަތަ ހެމޯގުލޮބިން އުފެއްދުމުގެ ބާރު ދައްވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހެމޯގުލޮބިންއަކީ ހަށިގަނޑުގައި އޮކްސިޖަން ދައުރުވުމަށް އެހީތެރިވެދޭ ލޭގެ މާއްދާއަށް ކިޔާ ނަމެވެ. އެހެންކަމުން ވަކި ޤަވައިދެއްގެ ދަށުން އެކުދިންނަށް ލޭ އަޅަން ޖެހެއެވެ. ލޭ އަޅަންޖެހޭ މުއްދަތު އެކި ކުދިންނަށް ތަފާތެވެ.

މިދުވަސް ފާހަގަ ކުރަމުންދާއިރު ތެލަސީމިޔާ ކުދިންނާއި އެކުދިންގެ އާއިލާތަކުން ކުރާ ޝަކުވާ ބޮޑެވެ. އެގޮތުން ލޭ ފޯރުކޮށްދޭނެ ޑޯނަރުން ހޯދަން އުދަނގޫވުމާއި، ލޭ އެޅުމުގެ ސަބަބުން ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބާވަތް މަދުކުރުމަށް ބޭނުންކުރާ ޑެސްފެރޯލް އާއި އަސުންރާ ހޯދަން އުދަނގޫވުމާއި، ރާއްޖޭގައި މިކަމަށް ދެވޭ ފަރުވާ ކުރިއަރައިގެން ނުދިއުން ހިމެނެ އެވެ. އަދި މުޖުތަމައިން ތެލަސީމިޔާ ކުދިންނާމެދު ގެންގުޅޭ ތަފާތުކުރުންތަކަކީވެސް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

ދުނިޔޭގައި އާބާދީގެ ނިސްބަތުން ތެލަސީމިޔާ ކުދިން އެންމެ ގިނައީ ރާއްޖޭގަ އެވެ. މިގޮތުން ރާއްޖޭގައި ގާތްގަނޑަކަށް 600 އެއްހާ ތެލަސީމިޔާ ކުދިން އެބަ ތިއްބެވެ. އެންމެ ހިތާމަކުރަން ޖެހޭ ކަމަކީ ރާއްޖޭގައި ތެލަސީމިޔާ ކުދިން އުފަންވާ މިންވަރު އަހަރުން އަހަރަށް މަދުވަމުން ނުދިއުމެވެ. ތެލަސީމިޔާ ކުދިންގެ ގޮތުގައި ކުޅުދުއްފުށީގައި 8 ކުދިން ޕަބްލިކް ހެލްތު ޔުނިޓްގައި ރެޖިސްޓްރީ ކުރެވިފައިވާއިރު ރަށުން ބޭރުން 5 ކުދިން ލޭ އެޅުމަށްޓަކައި ކުޅުދުއްފުއްޓަށް އާދެ އެވެ.

އިންޓަނޭޝަނަލް ތެލަސީމިޔާ ފަންޑުން ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ހިންގަ އެވެ. އެގޮތުން ކޮންމެ އަހަރެއްގައިވެސް ތެލަސީމިޔާ ކުދިންނަށް ސަޕޯޓް ދިނުމުގެ ގޮތުން ތެލަސީމިޔާ ދުވަހު ރަތްކުލައިގެ ހެދުންއެޅުމަށް ބާރުއެޅުމާއި، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، މިކަމާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ކޮންމެ އަހަރެއްގައިވެސް ދުވަހާއި ގުޅޭ ޝިޔާރެއް ކަނޑައެޅުން ހިމެނެއެވެ. މިގޮތުން މިއަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ “އިކޮނޮމިކް ރިސެސަން: އޮބްޒާވް – ޖޮއިންޓް ފޯސަސް – ސޭފްގާޑިން ހެލްތް” މިއެވެ. މިއީ އިޤްތިސާދީ ހީނަރުވުމުގެ ސަބަބުން ސިއްހީ ހިދުމަތްތަކުގައި ދިމާވާ ތަފާތު ކުރުންތައް ނައްތާލުމަށް އެންމެން އެކަތި ގަނޑެއް ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ކަނޑައެޅިފައިވާ ޝިޔާރެކެވެ.

ތެލަސީމިޔާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަށްޓަކައި އަދި ތެލަސީމިޔާ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ޔަޤީނެވެ. މިގޮތުން ހޭލުންތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުން އިތުރުކުރުމާއި، ތެލަސީމިޔާއަށް ދެވޭ ފަރުވާ އިތުރަށް ކުރިއަރުވަން ޖެހިފައިވާކަމީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަންތަކެވެ. އަދި ރާއްޖޭގެ އާބާދީގެ 18% އަކީ ތެލަސީމިޔާ ކެރިއަރުންނަށް ވާއިރު ކެރިއަރުންނަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ރާއްޖެތެރެއަށް އަމާޒު ކޮށްގެން ނުހިންގާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355