މެއި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގެ ޕްރީ ސްކޫލްތަކުން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެސްކޫލުތަކުން ބުނެފި އެވެ.
ހޮނިހިރު ދުވަހު ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އިރުމަތި އަވަށު ޕްރީސްކޫލުގައި ވަނީ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފަ އެވެ. 3:30 ފެށިގެން 6 ޖަހަންދެން ކުރިއަށްދާ މިކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި ސްޓޯލްތަށް ހުންނާނެ ކަމަށާޢި ކުޑަކުދިންނަށް ކަމުދާނެ ކަހަލަ ގޭމުތަކެއް ރާވާފައިވާނެ ކަމަށް އެސްކޫލުގެ އެޑްމިނިސްޓްރޭޓަރ ސަމީމާ ހުސެއިން ވިދާޅުވި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ސަމީމާ އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މިފަހަރުގެ ތީމަކީ ޖަންގަލި ކަމަށެވެ. އަދި އެތީމަށް ކުޑަކުދިންގެ ދުވަހަށް ސްކޫލުތެރެ ޒީނަތްތެރި ކުރާނެ ކަމަށެވެ.
އައިޕީއެސްގައި 10 ވަނަ ދުވަހު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާއިރު އަމީރު އަމީން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ އާދީއްތަ ދުވަހު އެވެ. އެދުވަހަށްޓަކައި ސްކޫލުތެރެ ޒީނަތްތެރިކުރުމަށް ހަމަޖެހިފައިވަނީ ކަނޑުއަޑީ ނުވަތަ “އަންޑަރ ވޯޓަރ” ތީމެއްގެ ގޮތުގައި ބަލައިގެން ކަމަށް އެސްކޫލުން މައުލޫމާތު ދެ އެވެ.
11 ވަނަ ދުވަހުގެ ހެނދުނު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެއްޓުމުގެ ގޮތުން އަމީރު އަމީން ސްކޫލުގައި ހާއްސަ އެސެންބުލީއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
އަދި އެސެންބުލީއަށް ފަހު ސްކޫލުގެ ދަރިވަރުންނަށް ބައިވެރިވެ މަޖާ މާހައުލެއްގައި އެދުވަސް ފާހަގަ ކުރެވޭގޮތަށް ސްކޫލުގެ ގޯތި ތެރޭގައި ސްޓޯލްތަކެއް ހެދިފައިވާނެ ކަމަށް އެސްކޫލުން މައުލޫމާތު ދެ އެވެ.