ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ސްކޫލުތަކުން ހިންގާ ހަރަކާތަކުގެ ތެރެއިން އިރުމަތި އަވަށު ޕްރީ ސްކޫލު “ޖަންގައްޔެއް”ގެ ސިފައިގައި އިއްޔެ ދައްކާލައިފި އެވެ.
މި ކުޑަ “ޖަންގަލީ” ގައި ތަފާތު ވައްތަރުގެ ދިރޭ ޖަނަވާރުތައް ދައްކާލުމަށް ބަހައްޓާފައިވާއިރު ގިނަ ކާޓޫން ކެރަކްޓާރ ތަކެއް ވެސް ފެނިގެންދިޔަ އެވެ. އަދި ފެންގަނޑާއި ބިރުވެރި ހޮހޮޅަވެސް މިޖަންގަލީގައި ހުއްޓެވެ. ޖަންގަޔެއް ސިފަ ގެނައުމަށްޓަކައި އައިޕީއެސް ވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރު ކޮށްފަ އެވެ.
އައިޕީސް ދަރިވަރުން ވެސް ސްކޫލަށް ޒިޔާރާތް ކޮށްފައިވަނީ ތަފާތު ކެރެކްޓަރތަކުގެ ހެނދުން އަޅައިގެންނެވެ.
އައިޕީއެސް ހިންގުމާ ހަވާލުވެހުންނެވި ޝަމީމާ ވިދާޅުވީ މިއީ ކުދިންނަން ތަފާތު މާހައުލެއްގައި އުޅެލައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ގޮތުން ބޭއްވި ޖަންގަލީގެ ހަވީރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޖަންގަޔެއްގެ ސިފަ ފެންނާނެހެން މިހާ ފުރިހަމައަށް ސްކޫލު ތައްޔާރު ކޮށްދީފައިވަނީ ހީވާގި ބެލެނިވެރިންގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ރެޑް ކްރެސެންޓަށާއި ޖަލާލުއްދީން ސްކޫލުގެ ގުރޭޑް ދިހައެއް ދަރިވަރުން ވެދެއްވި އެހީ އަށް ވެސް ޝަމީމާ ޝުކުރުދެއްނެވި އެވެ.
ހަވީރަށް ޒިޔާރަތް ކުރި ބެލެނިވެރިޔަކު ބުނީ މިއީ ވަރަށް ރަގަޅު ކަމެއް ކަމަށާއި މިކަހަލަ ދުވަސްތައް ގިނަގިނައިން ފާހަގަކޮށް ކުޑަކުދިންނަން ކުޅެލައި މަޖާކޮށްލާ އުޅެވޭނެ މާހައުލުތައް ކުރިއަށް އޮތްތާ ވެސް ފެންނާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
ކުޑަކުދިން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ އަމީރު އަމީން ސްކޫލާއި އަފީފުއްދީން އަދި އޭއީސީގައި ވަނީ ތަފާތު ހަރަކާތްތައް ހިންގުމަށް ރާވާފައެވެ.