އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ ހޯދައިފި އެވެ.
ރޭ ވެސްޓް ހޭމްގެ މައްޗަށް 2-0 އިން ކުރިހޯދައި 3 އަހަރުގެ ތެރޭގައި 2 ވަނަ ފަހަރަށް ސިޓީއިން ވަނީ ލީގު ކާމިޔާބުކޮށްފަ އެވެ. ސިޓީގެ ގޯލްތައް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކޮމްޕެނީ އަދި ސާމިރު ނަސްރީ އެވެ.
ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ވާދަވެރި ލީގުގެ ދެވަނަ އަށް ދިޔައީ ޕްރިމިއާ ލީގު ނަމަށް ބަދަލުވި ފަހުން އަދި ޕްރިމިއާ ލީގު ކާމިޔާބު ކުރެވިފައިނުވާ ލިވަޕޫލް އެވެ. ރޭ ނިއު ކާސަލްގެ މައްޗަށް ފަހަތުން އަރާ 2-1 އިން ކުރިހޯދި ލިވަޕޫލްއަށް އެންމެ ފަހުން ލީގު ކާމިޔާބު ކުރެވުނީ 1991 ވަނަ އަހަރު އެވެ. ލިވަޕޫލްއަށް ލީގުގައި ލިބުނީ 84 ޕޮއިންޓެވެ.
ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި އަލުން ނުކުމެ މި ސީޒަނުގައި އެއްވެސް ޓްރޮފީއެއް ކާމިޔާބު ކުރެވިފައިނުވާ ޗެލްސީ ވަނީ ލީގުގެ 3 ވަނަ ހޯދާފަ އެވެ. ރޭގެ މެޗުގައި 2-1 އިން ކާޑިފް ބަލިކޮށް ސިޓީއަށްވުރެ 4 ޕޮއިންޓް ފަހަތުން ޗެލްސީއިން ލީގު ނިންމާލީ 82 ޕޮއިންޓާއެކު އެވެ.
ލީގުގެ އެއްވަނަ 25 ފަހަރު ބަދަލުވެފައިވާ މި ސީޒަނުގައި އެންމެ ގިނަ ދުވަހު އެއްވަނާގައި އޮތް އާސެނަލް އިން ލީގު ނިންމާލީ 4 ވަނައިގަ އެވެ. މިގޮތުން ރޭ ކުޅެވުނު މެޗުގައި އާސެނަލް އިންވަނީ 2-0 އިން ނޯވިޗް ސިޓީ ބަލިކޮށްފަ އެވެ. އާސެނަލްގެ ފަހަތުން ލީގުގެ 5 ވަނަ ހޯދީ މި ސީޒަނުގައި ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު އެވަޓަން އިންނެވެ. އެގޮތުން އާސެނަލްއަށް 79 ޕޮއިންޓް ލިބުނުއިރު އެވަޓަންއަށް ލިބިފައިވަނީ 72 ޕޮއިންޓެވެ.
69 ޕޮއިންޓާއެކު ލީގުގެ 6 ވަނަ ހޯދީ ޓޮޓެންހަމްއިންނެވެ. އަދި ޕްރިމިއާ ލީގު ނަމަށް ބަދަލުވި ފަހުން އަލަށް ލީގުގެ ގަދަ ތިނެއްގައި ނުހިމެނުނު މެންޗެސްޓަރ ޔުނައިޓެޑަށް މި ސީޒަނުގައި ލިބުނީ 7 ވަނައެވެ. މި ސީޒަނުގައި ޑޭވިޑް މޮޔެސް ގެ އިރުޝާދު ދަށުން ބޮޑުބައި ނިންމާލި ޔުނައިޓެޑަށް މާ އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. އެގޮތުން ޔުނައިޓެޑަށް ލީގު ނިންމާލަން ޖެހުނީ އެއްވަނައަށްދިޔަ ސިޓީއަށްވުރެ 22 މަދުން 64 ޕޮއިންޓާއެކު އެވެ.
ލީގަށް މި ސީޒަނުގައި ޕްރޮމޯޓްވި ސައުތެމްޕްޓަންވަނީ ލީގުގައި ވަރަށް ހައިރާންކުރުވަނިވި ނަތީޖާތަކެއްނެރެ ލީގުގެ 8 ވަނަ ހޯދާފަ އެވެ. އަދި 50 ޕޮއިންޓާއެކު ލީގުގެ 9 ވަނަ ސްޓޯކްއިން ހޯދިއިރު 49 ޕޮއިންޓާއެކު ލީގުގެ 10 ވަނަ ހޯދީ ނިއު ކާސަލްއިންނެވެ. ލީގުގެ 11 ވަނަ މި ސީޒަނުގައި އަލަށް ޕްރޮމޯޓްވި ކްރިސްޓަލް ޕެލަސްއިން ހޯދިއިރު 12 ވަނައަށް ދިޔައީ ސްވެންސީ އިންނެވެ. ވެސްޓް ހޭމް ޔުނައިޓެޑް މި ސީޒަން ނިންމާލީ 40 ޕޮއިންޓާއެކު ލީގުގެ 13 ވަނައިގަ އެވެ.
ގިނަ ބަޔަކު ރެލިގޭޓްވާނެކަމަށް ހީކުރި ސަންޑަލޭންޑުން އެންމެ ފަހުން ކުޅުނު 5 މެޗުން 13 ޕޮއިންޓް ހޯދައި ޖުމްލަ 38 ޕޮއިންޓާއެކު 14 ވަނައިގައި ލީގު ނިންމާލާފަ އެވެ. ލީގުގައި ކުޅެންޖެހޭ 38 މެޗުން 38 ޕޮއިންޓް ހޯދައިގެން އެސްޓަން ވިލާ ލީގުގެ 15 ވަނައަށް ދިޔައިރު 37 ޕޮއިންޓާއެކު 16 ވަނާގައި ނިންމާލީ ހަލްސިޓީ އިންނެވެ. ވެސްޓް ބްރޮމް ރެލިގޭސަނުން ސަލާމަތްވެ 36 ޕޮއިންޓާއެކު ލީގު ނިންމާލީ 17 ވަނައިގަ އެވެ.
މިސީޒަނުގައި ލީގުން ރެލިގޭޓްވީ ނޯވިޗް ސިޓީ، ފުލަމް އަދި ލީގުގެ ފުލަށްދިޔަ ކާޑިފް އެވެ.