2013 ވަނަ އަހަރުގެ ހިއްސާ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާ ބެހުމަށް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އިއްޔެ އޮތް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި ހިއްސާއަކަށް 15 ރުފިޔާ ބަހަންނިންމި އިރު މީގެތެރެއިން ހިއްސާއަކަށް 9.29 ރުފިޔާ ގެ މަގުން މިހާރު ހިއްސާދާރުންނަށް ވަނީ ބަހާފަ އެވެ. އަދި މުޅި އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް އިތުރު 5.71 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމަވާފައެވެ.
އެހެންކަމުން 2013 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ދެފަހަރު މަތިން ޖުމްލަ 80.7 މިލިއަން ރުފިޔާ ބީއެމްއެލް އިން ބަހާނެ އެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި މިއީ ބޭންކުގެ ތާރީޚުގައި ބެހޭ އެންމެ ބޮޑު ފައިދާ އެވެ. ބީއެމްއެލް އިން އެންމެ ފަހުން ހިއްސާގެ ފައިދާ ބަހާފައި ވަނީ 2009 ވަނަ އަހަރު ހިއްސާއަކަށް 9 ރުފިޔާގެ މަގުން ޖުމްލަ 48.4 މިލިއަން ރުފިޔާ އަދި 2008 ވަނަ އަހަރު ހިއްސާއަކަށް 10 ރުފިޔާގެ މަގުން ޖުމްލަ 53.8 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލްއަށް 2013 ވަނަ އަހަރު ވަނީީ ސާފު ފައިދާގެ ގޮތުގައި ޖުމްލަ 662 މިލިއަން ރުފިޔާ ލިބިފައެވެ.
ހިއްސާގެ ފައިދާއާއި މެދު ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މރ. އެންޑްރޫ ހީލީ ވިދާޅުވެފައި ވަނީ ބޭންކުގެ ކުރިމަގަށްޓަކައި ގިނަ ކަންތައްތަކެއް ކުރަންހުރިނަމަވެސް، ބޭންކުގެ މިސްރާބު ހުރީ ރަގަޅު އަމާޒެއްގައިކަމަށާއި އަދި ބޭންކަށް ލިބެމުންދާ ކުރިއެރުމުގެ ސަބަބުން ހިއްސާދާރުންނަށް ފައިދާ ކުރަމުންދާކަމަށްޓަކައި އުފާކުރައްވާކަމަށެވެ. އަދި މިފަހަރު ބަހަން ނިންމި ފައިދާ އަކި ބޭންކުގެ ތާރީޚުގައި ބެހޭ އެންމެ ބޮޑު ފައިދާ ކަންވެސް ފާހަގަކުރެއްވިއެވެ. އަދި ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުން އަދި މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ސީ.އީ.އޯ ވިދާޅުވި އެވެ.