ރިއަލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގެ ތާރީޚްގައި ރިއަލްއިން ކާމިޔާބުކުރި 10 ވަނަ ޓްރޮފީ އެ ޓީމުން ކާމިޔާބުކުރީ ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ 4-1 އިން މެޗް ކާމިޔާބު ކޮށްގެންނެވެ.
ޕޯޓުގަލްގެ ލިސްބަންގައި ކުޅުނު މި ފައިނަލްގެ ފުރަތަމަ ހާފުގައި މާ ހުސް ފުރުސަތުތަކެއް އެއްވެސް ޓީމަކަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް ރިއަލް މެޑްރިޑުން ތަނަވަސްކުރި މަދު ފުރުސަތުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނީ 32 ވަނަ މިނެޓްގައި ގެރެތު ބޭލް ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ގާތްގަނޑަކަށް ހުހަށް ހުރެފައި ގޯލުގެ އަރިމަތިން ބޭރަށް ފޮނުވާލި ހަމަލާއެވެ.
ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ހޯދުމަށް ނުކުމެ ތިބި އެތުލެޓިކޯ މެޑްރިޑަށް ނުތަނަވަސްކަން ލިބުނީ މެޗުގެ 10 ވަނަ މިނެޓްގައި އަނިޔާގައި ހުރެ ކުޅެން ނުކުތް ޑިއޭގޯ ކޯސްޓާ ބަދަލު ކުރުމުންނެވެ. ނަމަވެސް ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެތުލެޓިކޯ މެޑުރިޑުންވަނީ 36 ވަނަ މިނެޓްގައި އުރުގުއޭގެ ޑިއޭގޯ ގޯޑިންގެ ލަނޑުން ލީޑު ނަގާފަ އެވެ. ޑިއޭގޯ ގޯޑިންއަކީ 18 އަހަރަށްފަހު މި ސީޒަނުގައި ލަ ލީގާ ކާމިޔާބުކުރި އެތުލެޓިކޯ އަށް ލީގު ކާމިޔާބު ކޮށްދިން ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އެވެ. އަދި މިއީ އޭނާ މި ސީޒަނުގައި ބޮލުން ޖަހާ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ.
އެއް ސިޓީއަކަށް ނިސްބަތްވާ ދެ ކުލަބުން ކުޅޭ ފުރަތަމަ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުވެސް ގިނައިރު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާ އުފެއްދީ ރިއަލް އިންނެވެ. ނަމަވެސް ފައިނަލާ ހިސާބަށް އައި އިރު އެއްވެސް ޗެމްޕިއަންސް ލީގު މެޗަކުން ބަލިވެފައި ނުވާ އެތުލެޓިކޯ މެޑްރިޑް ގޯލު ރިއަލް އަށް ފޫއަޅުވާލެވޭ ވަރުވީ މެޗުގެ 93 ވަނަ މިނެޓްގަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސެމީ ފައިނަލްގައި ވެސް ދެ ސެޓް ޕީސްއިން ބޮލުން ބަޔާން ކޮޅަށް ދެ ލަނޑުޖެހި ސާޖިއޯ ރާމޯސް އެވެ.
ޗެމްޕިއަންސް ލީގުގެ ތާރީޚްގައި ފައިނަލް މެޗެއްގައި އިތުރު ވަގުތު ކުޅެން ޖެހުނު 15 ވަނަ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް އިތުރު ވަގުތުގެ ފަހު ހާފުގައި ރޭގެ މެޗުގައި އެންމެ ގިނަ ޗާންސް ލިބުނު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެރެތް ބޭލް ވަނީ ބޮލުން ޖަހާ ލަނޑެއް ކާމިޔާބުކޮށް ރިއަލް މެޑްރިޑަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ. މިއީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެންޖަލް ޑި މާރިއާ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ވަދެ ސޮޓު ހެދުމާއެކު ނުކުތް ރިބައުންސަކުން ކާމިޔާބުކުރި ލަނޑެކެވެ.
ކުރިން އޭސީ މިލާނާއެކު ދެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރިއަލްގެ ތިންވަނަ ލަނޑަކީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި މާސެލޯ ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބޯޅައެއް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އަދި އިތުރު ވަގުތުގެ ފަހު މިނެޓްގައި ރޮނާލްޑޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ރޮނާލްޑޯވަނީ ކާމިޔާބު ކޮށްފަ އެވެ. މިއީ ރޮނާލްޑޯ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.
މިއާއެކު ރިއަލްއިން ވަނީ 10 އަހަރަށް ފަހު އެޓީމުގެ 10 ވަނަ ޔޫރަޕިއަން ކަޕް ކާމިޔާބު ކޮށްފަ އެވެ.