ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނަށް ހިންގޭ މާރާމާރީތަށް ގިނަވުމާއި ކަމާގުޅޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހެމުންދާ މައްސަލައިގައި ކުރަން އުޅުނު ހަޅުތާލު މި ވަގުތަށް އަދި ނުކުރާ ގޮތަށް ނިންމައިފި އެވެ.
މި ނޫހަށް މައުލޫމާތުދިން ބައެއް ބިދޭސީން ބުނީ ކުޅުދުއްފުށީގައި އުޅޭ ބިދޭސީ ޓީޗަރުންނަށް އެކަށީގެންވާ ރައްކާތެރިކަމެއް ނެތް ކަމަށާއި އެހެން ވުމުގެ ސަބަބުން އެމީހުން ތިބެން ޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި މިހާ ތަނަށް ޕޮލިހުންނާއި އެޑިޔުކޭޝަން މިނިސްޓްރީން އެމީހުންގެ މިފަދަ ގޮވާލުންތަކަށް އިޖާބަދީފައި ނުވާ ކަމަށެވެ.
އެހެންނަމަވެސް ބިދޭސީ ޓީޗަރުން ކުރަން އުޅުނު ހަޅުތާލު މިވަގުތަށް ނުކުރާ ގޮތަށް ނިންމީ، ޓީޗަރުންނަށް ކުޅުދުއްފުށިން ކުރިމަތިވަމުން އަންނަ މައްސަލަތަކާ ގުޅިގެން އެޑިޔުކޭޝަންގެ ޓީމެއް ޓީޗަރުންނާ ބައްދަލުކުރުމަށް ވަޑައިގަންނަވާނެކަން އެންގުމުންނެވެ.
ދާދިފަހުން ޖަލާލުއްދީން ސްކޫލުގެ 2 ޓީޗަރަކަށާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އަންނަ ފިރިހެން ނަރުހަކަށް މަގުމަތިން ހަމަލާދީ މާރާމާރީ ވަނީ ހިންގާފަ އެވެ. މީގެ ކުރިން އަފީފުއްދީނުގެ ދެ ޓީޗަރަކަށް ވެސް ވަނީ ބަޔަކު ހަމަލާދީފަ އެވެ.
ބިދޭސީ ޓީޗަރަކު މައުލޫމާތު ދޭ ގޮތުގައި ސުކޫލު ޓީޗަރުންނަށް ހަމަލާދިން ހާދިސާގައި ގުރޫޕު ހަދައިގެން އުޅުނުބަޔަކު އައިސް މިސްކިތް ކައިރިން އެޓީޗަރުން ގަޔަށް ގައު އުކާ މާރާމާރީ ހިންގާފާވާއިރު އެކަން ހިނގި ވަގުތު ފުލުހުންނަށް އެންގި ނަމަވެސް އެފަރާތްތަކުން ހާދިސާ ހިނގިތަނަށް އައިސްފައެއް ނުވެ އެވެ.
މިފަދަ ހަމަލާތައް ގިނަވަނީ ކަމާބެހޭ ފަރާތްތަކުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބޭރު މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލަމުން ނުދާތީކަމަށް މި މުވައްޒަފުން ބުނެއެވެ.