ކުޅުދުއްފުށިން ބޭރުގައި ބާއްވާ ހދ އަތޮޅު ކައުންސިލުގެ ފުރަތަމަ ޖަލްސާ ހދ. މަކުނުދޫގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ހދ އަތޮޅު ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ މުހައިމިން ވިދާޅުވީ އަތޮޅު ކައުންސިލުގެ ދެވަނަ ދައުރުގެ 15 ވަނަ އާންމު ޖަލްސާ މަކުނުދޫގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
މަކުނުދޫގައި ބާއްވަން ހަމަޖެހިފައިވާ މިޖަލްސާގައި 4 މައްސަލައެއް ވަނީ އެޖެންޑާ ކޮށްފައި އެވެ.
އޭގެ ތެރޭގައި ނޮޅިވަރަމު ދާއިރާގެ މެންބަރު ހުސައިން ހަސަން ހުށަހަޅުއްވާފައިވާ ހދ އަތޮޅުގައި އަތޮޅު ފެންވަރުގައި މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން ހިމެނެއެވެ. އަދި އޭގެ އިތުރުން އަތޮޅުގެ ކޮންމެ ރަށެއްގައި ދަނޑުވެރިކަމާބެހޭ ކޯހެއް ހިންގުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން ވެސް އެ ޖަލްސާއަށް ހުށަހެޅުމަށް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ޢަބްދުލްމުހައިމިން ހުށަހަޅުއްވާ، ނާސަރީ އަދި ބޭބީ ނާސަރީ ޓީޗަރުންނަށް ސަރުކާރުން މުސާރަ ނުދޭތީ އެކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން އެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނު މަކުނުދޫ ކައުންސިލު އިދާރާގަ އެވެ.