ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތައް މެދުވެރިކޮށް އެ ރަށެއްގެ ރައްޔިތުންނަން އައިޑީކާޑު ލިބޭނެ ހިދުމަތް ފެށިގެންދާނެ ކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ އެވެ.
އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އޭނާ ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކަށް ވެގެންދިޔައިރު ޕާސްޕޯޓުގެ ހިދުމަތް އެ ސަރަހައްދުން ލިބެން ނެތުމުން، ޕާސްޕޯޓު ހެދުމަށް މާލެއަށް ކުރާ ދަތުރު ހުއްޓިފައިނުވާ ކަމަށެވެ.
އެހެންނަމަވެސް ކައުންސިލުން ކުރި މަސައްކަތުން އެކަމަށް އަލިމަގެއް ލިބި އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ކުޅުދުއްފުށިން ޕާސްޕޯޓުގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.
ކުޅުދުއްފުއްޓަށް ނުގޮސް ކައިރި ރަށްރަށުގެ ރައްޔިތުންނަން އައިޑީކާޑު ލިބޭނެ ގޮތަށް ކައުންސިލުތަކުގައި ކަލެކްޝަން ޕޮއިންޓުތަކެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި 2 މަސް ނުވަތަ 3 މަސްތެރޭގައި އެ ކަލެކްޝަން ޕޮއިންޓުތައް ގާއިމުކުރެވިގެންދާނެ ކަމަށް ނާސިރު ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ބަލިމީހުންނަށާއި މުސްކުޅިންނަން އަދި ކުޑަކުދިންގެ އިތުރުން ހުރިހާ ރައްޔިތުންނަންވެސް ފަސޭހަ ވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަތޮޅު ކައުންސިލުގެ މިދަތުރުގައި ނޮޅިވަރަންފަރު މުއައްސަސާތަކާއި ބައްދަލުކޮށް އެތަންތަނުގައި ހުރިދަތިތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ ވެއެވެ.