މާލެއިން ކުޅުދުއްފުއްޓަށް އެތެރެކުރާ ފިނިކުރި އެއްގަމު މަހަކީ ކެއުމުގައި ބޭނުން ކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށް ހދ އަތޮޅު ކައުންސިލު މެންބަރު އުމްމުކުލްސޫމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އުމްމުކުލްސޫމް މިހެން ވިދާޅުވީ އަތޮޅު ކައުންސިލުގެ 15 ވަނަ ބައްދަލުވުމުގައި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން ހަސަން ހުށަހެޅުއްވި މައްސަލައިގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ. އެއީ ހދ އަތޮޅު ފެންވަރުގައި މަސްވެރިންގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމާމެދު މަޝްވަރާކުރުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރު އުއްމުކުލްސޫމް ވިދާޅުވީ ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭގޮތުން ވާހަކަ ދައްކާއިރު ކުކުޅާއި ގެރި ބަކަރި ފަދަ އެއްގަމު ޖަނަވާރުތަކަކީ ވެސް ރާއްޖޭގައި ގެންގުޅެވިދާނެ އެއްޗެހި ކަމަށާއި ރާއްޖެއިން ބޭރުން އެތެރެކުރާ މިފަދަ ޖަނަވާރުތަކަކީ ކިހިނެތް ކޮންގޮތަކުން އެތެރެކުރާ އެއްޗެހި ކަމެއް ޔަގީން ނުވާ ކަމަށެވެ. އަދި މާލެއިން ކުޅުދުއްފުއްޓަށް އެތެރެކުރާ އައިސްކުރި ކުކުޅަކީ ކެއުމުގައި ބޭނުން ކުރުމަށް ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށް އުއްމުކޫލްސޫމަ ވިދާޅުވި އެވެ.
” ަމަ ޔަގީނުންވެސް ކުޅުދުއްފުއްޓަށް މާލެއިން މިގެނެވޭ އައިސް ކުކުޅަކީ ހަމަ އެއްގޮތަކަށް ވެސް ކާން ހެޔޮވާވަރުގެ އެއްޗެށް ކަމަކަށް އަޅުގަނޑު ނުދެކެން” އުއްމުކުލްސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޅުދުއްފުއްޓާ ހަމައަށް އެތަކެތި ގެނެވޭއިރު އެއްޗެހި ހުންނަނީ އެއްކޮށް އައިސް ކެނޑިފައި ކަމަށާއި އެތަކެތި އަލުން ފިހާރަތަކުގައި ވިއްކަމުންދަނީ އައިސްކޮށްގެން ކަމަށެވެ.
ފަޅު ރަށެއްގައި ކުކުޅު ނުވަތަ އެއްގަމު ޖަނަވާރު ދިރުވާ އާލާކުރެވިއްޖެ ނަމަ ތާޒާކަމާ އެކު އެތަކެތީގެ މަހާއި ކުކުޅު ބިސް ލިބިގެންދާނެ ކަމަށް އުއްމު ވިދާޅުވި އެވެ.
މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރާ ބޯޓުތަކުގައި މި ބާވަތުގެ ތަކެތި ބަހައްޓާފައި ހުންނަނީ ފިނިކުރާޒާތުގެ ތަނެއްގައެއް ނޫނެވެ. ބައެއް ބޯޓުތަކުގައި ފިނިކުރި މަހުގެ ބާވަތްތައް ބަހައްޓަނީ ބޯޓުގެ އެންމެ މަތީބައިގައި ސަތަރި ގަނޑެއްގެ ތެރޭގައެވެ.