ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށްވެސް ކޮންމެ ބްރާންޗެއް މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ދިވެހިރާއްޖޭގައި ފައިސާ ފޮނުވޭ ގޮތް ބޭންކުން ހަމަޖައްސައިފި އެވެ.
އެކައުންޓްތަކަށް ފައިސާ ފޮނުވުމުގައި ބޭންކުން ކުރިން ނަގަމުން އައީ ފޮނުވާ ފައިސާގެ މިންވަރަށް ބަލައި 25 ރުފިޔާއިން ފެށިގެން 3000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
އެކައުންޓްތަކަށް ފީއަކާ ނުލައި ފައިސާ ފޮނުވޭ ގޮތް ހަމަޖެއްސުމާއެކު އޭޓީއެމް އިން ފައިސާ ނެގުމުގެ ހިދުމަތަށްވެސް ފީއެއް ނުނަގާ ގޮތަށް ބީއެމްއެލްއިންވަނީ ހަމަޖައްސާފަ އެވެ.
މިބަދަލާއެކު ބީއެމްއެލްގެ ކޮންމެ އޭޓީއެމްއަކުން ފައިސާ ނެގިނަމަވެސް ބޭންކުން ޗާޖްކުރާ 2 ރުފިޔާގެ ފީޢެއް ނުނަގާނެ އެވެ.
ބީއެމްއެލް އޭޓީއެމްއިން ވިސާ ޑެބިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް ގްރީން ޑެބިޓް ކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ނެގޭއިރު އެމެރިކަން އެކްސްޕްރެސް ގޯލްޑް ޑެބިޓް ކާޑު ބޭނުންކޮށްގެން ދުވާލަކު 15،000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގޭނެ އެވެ.
މިބަދަލުތަކާ ގުޅިގެން ބޭންކްގެ ސީއީއޯ އަދި އެމްޑީ މރ. އެންޑްރޫ ހީލީ ވިދާޅުވީ އިއްޔެއިން ފެށިގެން ނުނަގާ ގޮތަށް ހަމަޖެއްސި އޭޓީއެމް ފީ ފަދައިން ބީއެމްއެލްގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގައި ނަގާ ފީއާ މެދުވެސް ކަސްޓަމަރުން ހިތްހަމަނުޖެހުން ފާޅު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެހެން ރަށެއްގައި ދިރިއުޅޭ އާއިލާގެ މެންބަރުންނަށް ފައިސާ ފޮނުވުމުގެއި އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ދާދިފަހުންވަނީ މާލޭގައި ބަހައްޓާފައިވާ ހުރިހާ އޭޓީއެމް ތަކެއް ޒަމާނީ އޭޓީއެމްތަކަކަށް ބަދަލުކޮށްފަ އެވެ. އަދި އަތޮޅު ތަކުގައި ބަހައްޓާފައި ހުރި އޭޓީއެމްތަށް ޒަމާނީ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.