ހދ އަތޮޅުގެ ގިނަ ރަށްތަކަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ އަންނަ ރަމަޟާން މަހުގެ ކުރިން ހައްލުކުރުމަށް މަސައްކަތް ކުރައްމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް މެނޭޖަރ އާދަމް މުހައްމަދު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި 148 ޖަނަރޭޓަރު ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށާއި އޭގެތެރެއިން 77 ޖަނަރޭޓަރު ޖޫން މަހު ކުރީކޮޅުގައި ރާއްޖެ ގެނެވޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަށީގެންވާ އަދަދެއްގެ ޖަނަރޭޓަރު ހދ. އަތޮޅަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން އަތޮޅުތަކާ އަޅާ ބަލާއިރު ހދ އަތޮޅަކީ ކަރަންޓުގެ މައްސަލަތައް މަދު އަތޮޅެއް ކަމަށާއި އެހެންނަމަވެސް ހދ އަތޮޅުގެ މަދު ރަށްރަށެއްގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ނެލައިދޫ، ކުރިނބީ ފަދަ ރަށްތަކަކީ ކަރަންޓު މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށްތަކެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ކަރަންޓުގެ މައްސަލަތައް މިހާތަނަށްވެސް ހައްލު ނުކުރެވި ގިނަ ދުވަސް ވަނީ ގިނަ ރަށްތަކެއްގެ އިންޖީނުގެތައް ހިންގަނީ 1 ޖަނަރޭޓަރެއް ނުވަތަ ކިރިޔާ އެރަށަކަށް ބޭނުން ކުރެވޭވަރުގެ 2 ޖަނަރޭޓަރުން ކަމަށްވެފައި ޖަނަރޭޓަރުތައް ސާވިސް ނުކޮށް ގިނަ ދުވަސް ތަކެއް ވުމުގެ ސަބަބުން ކަމަށެވެ.
އެގޮތުން ގިނަ ރަށްތަކެއްގެ ޖަނަރޭޓަރުތައް ވަނީ އޯވަހޯލް ކުރަންޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް މެނޭޖަރު އާދަމް މުހައްމަދު ފާހަގަ ކުރެއްވި އެވެ. އަދި ޖަނަރޭޓަރުތައް ހޯވަހޯލު ކުރެވޭނީ އިތުރު ޖަނަރޭޓަރުތައް ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހދ މަކުނުދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށުގައި ހުރި އެންމެ ބޮޑު ޖަނަރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހދ އަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ފެނަކަ ކުންފުނިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ހުރިހާ ރަށެއްގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވަނީ ފަށާފައެވެ.