ބީއެމްއެލްގެ ކުރިއަށް އޮތް ތިން އަހަރު އެންމެ އިސްކަމެއް ދޭނީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމާއި ކަސްޓަމަރ ސާރވިސް ރަނގަޅުކޮށް ވިޔަފާރިތަކަށްދޭ އެހީތެރިކަން އިތުރުކުރުމަށް ކަމަށް ބޭންކުން ހާމަކޮށްފި އެވެ.
އެގޮތުން މިއަހަރު ނިމޭއިރު އިތުރު 50 ރަށަކަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދޭން ނިންމާފާވާއިރު 2017 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކިންގެ ހިދުމަތް ފުޅާކުރެވޭނެ ކަމަށް ބޭންކުގެ ސްޓްރެޓެޖީ ޕްލޭންގައިވެ އެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ 2017 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ބެންކިންގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި މިގޮތުން ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުން އަދި ފައިސާ ދެއްކުމުގެ އިތުރުން އެހެން ފަރާތްތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެންޑްރޫ ވިދާޅުވީ މިހާރު މިހިދުމަތްތައް ނުލިބޭ 50 ރަށަކަށް މިއަހަރު ނިމުމުގެ ކުރިން ފައިސާ ނެގުމުގެ ހިދުމަތް ތައާރަފް ކުރެވޭނެ ކަމަށެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ސްޓެރެޓެޖީގައި ދެން އޮތް ކަމަކީ ކަސްޓަމަރ ސާރވިސް ރަނގަޅުކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްދޭ އެހީތެރިކަން އިތުރު ކުރުމެވެ.
މިކަމާ ގުޅޭ ގޮތުން އެންޑްރޫ ވިދާޅުވީ ބޭންކުގެ ހިއްސާދާރުންނާއި ކަސްޓަމަރުން އެންމެ ކަންބޮޑުވާ އެއްކަމަކީ ރަނގަޅު ފެންވަރަކަށް ކަސްޓަމަރ ސާރވިސް ނުދެވުން ކަމަށާއި މުސްތަގުބަލުގައި އެންމެ އިސްކަމެއްދޭނެ ކަމަކީ މިކަން ބަދަލުކުރުން ކަމުގަ އެވެ.
“ބައެއް ފަރާތްތަކަށް ހީކުރެވިފައިވާ ގޮތުގައި ވިޔަފާރިތަކަށް އެހީތެރިވުމަށް ބީއެމްއެލްއިން އެކަށީގެންވާ ސަމާލުކަމެއް ނުދޭ. އެއީ ސަރުކާރުން ހިންގާ ސްކީމްތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން އަލަށް ފަށާ ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެކަށީގެންވާ އެހީތެރިކަން ނުދެވުން. އެކަން ބަދަލުކުރަން އަޅުގަނޑުމެން ބޭނުން.” ހީލީ ވިދާޅުވި އެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ބޭންކުގެ ކައުންޓަރުގައި ހިދުމަތްދޭ ސްޓާފުންގެ އަދަދު 20 އިންސައްތައަށް އިތުރުވާނެ އެވެ. އަދި ބެންކުގެ ކޯލް ސެންޓަރަށް މުވައްޒަފުން ނެގުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.
މިއަހަރު ނިމުމުގެ ކުރިން އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފް ކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެ އެވެ.