އުތުރުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލުގައި އެތެރެހަށީގެ ޑޮކްޓަރެއް ނެތްތާ ހަމަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ޑޮކްޓަރެއް ލިބޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
“ކުޅުދުއްފުށި އޮންލައިން” އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިން ޑެޕިއުޓީ މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ އެ ހޮސްޕިޓަލުގައި އެތެރެހަށީގެ ޑޮކްޓަރެއް ނެތްތާ ގާތްގަނޑަކަށް ހަމަސް ދުވަހަށް ވުރެ ގިނަ ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެތެރެހަށީގެ ޑޮކްޓަރެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އެހެން ނަމަވެސް ޑޮކްޓަރެއް ލިބޭނެ ވަކި ތާރީހެއް ބުނަން އަދި ދަތި ކަމަށެވެ. އެއީ ރާއްޖެއާ ރާއްޖޭން ބޭރުން އެތެރެހަށީގެ ޑޮކްޓަރެއް ލިބުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
“ރާއްޖޭންނާއި ބޭރުން އެތެރެހަށީގެ ޑޮކްޓަރެއް ލިބުމުގައި ދަތިތަކެއް ކުރިމަތިވާތީ ޑޮކްޓަރެއް ނުލިބިގެން މިއުޅެނީ. ލިބޭނެ ވަކި ތާރީހެއް ބުނާކަށް ނޭނގެ.” މުހައްމަދު ހަސަން ވިދާޅުވި އެވެ.
ގާތްގަނޑަކަށް ބައިލައްކައެއްހާ ރައްޔިތުން ހިދުމަތް ހޯދާ މި ހޮސްޕިޓަލުގައި އެތެރެހަށީގެ ޑޮކްޓަރެއް ނެތުމުން ގިނަ ބައެއްގެ ހިތްހަމަނުޖެހުމާއި ޝަކުވާތައް އެ ހޮސްޕިޓަލަށް ދަނީ އަމާޒުވަމުންނެވެ.