ހދ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުމަށް ކުރާ ދަތުރުތަކުގައި އިއްޔެ ކުމުންދޫއަށް ޒިޔާރަތްކޮށް އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކޮށްދެވޭނެ ގޮތެއް ހަމަޖައްސައިދޭން ކުމުންދޫ ކައުންސިލުގަ އެދުމުން އެކަމަށް އެ ރަށު ކައުންސިލުން ބީރު ކަންފަތެއް ދީފި އެވެ.
ހދ އަތޮޅު ކައުންސިލުގެ ރައީސް ނާސިރު ވިދާޅުވީ އަތޮޅު ކައުންސިލުން ކުމުންދޫ ކައުންސިލާ އިއްޔެ ބައްދަލުކުރުމަށްފަހު ރަށުގެ ރައްޔިތުންނާ ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު އެދިލެއްވުމުން، ރަށު ކައުންސިލުގެ ރައީސް އަންވަރު އެކަން އެގޮތަށް ހަމަޖައްސަވައި ދެއްވެން ނެތް ކަމަށް ވިދާޅުވި ކަމަށެވެ.
ކުމުންދޫ ރައްޔިތުންނާ ބައްދަލުކުރަން ބޭނުންނަމަ ބަނދަރުގައި ހޮޅިބުރި ޖަހަން ރައްޔިތުން އުޅޭނެ ކަމަށާއި އެތަނަން ގޮސް އެމީހުންނާ ބައްދަލުކުރުމަށް ރަށު ކައުންސިލުގެ ރައީސް ވިދާޅުވެފައިވާ ކަމަށް އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އަތޮޅު ކައުންސިލުން އިއްޔެ ކުމުންދޫއަށް ކުރެއްވި ދަތުރުގައި އެކަށީގެންވާ އެއްބާރުލުން ދީފައިނުވާކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ރަށު ކައުންސިލުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާ ބައްދަލުކުރެއްވުންތަކުގެ ޖަލްސާތައް ހަމަޖައްސައިދީފައި ނުވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ހދ އަތޮޅު ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ އަތޮޅު ކައުންސިލުގެ މިޖަލްސާތަކަކީ ކައުންސިލާއި ރައްޔިތުންނާ ދެމެދު އިތުބާރު ގާއިމު ކުރުމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ގާތުން ބެލުމަށްޓަކައި ކުރާ ދަތުރުތަކެއް ކަމަށެވެ. އަދި މި އަތޮޅުގެ ރައްޔިތުންނަން ދިމާވެފައިވާ ދަތިތަކާއި މައްސަލަތައް މިނިސްޓްރީތަކާ ހިއްސާކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަތޮޅު ކައުންސިލުން ހދ އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރިއިރު ކުމުންދޫ ރައްޔިތުންނާ އަތޮޅު ކައުންސިލުން ވަނީ ބައްދަލުކުރެވޭ ގޮތް ނުވެފަ އެވެ. ކުމުންދޫ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ 3 ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރެއްގެ އިތުރުން ޖޭޕީގެ ކައުންސިލަރެކެވެ.