ލޭނު މަސްވެރިކަން ކުރުމުގެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގ ޕްރޮގްރާމާ ބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އައިމަން ވިދާޅުވީ މިދިޔަ މަހުގެ 29 ވަނަ ދުވަހަށް މުއްދަތު ހަމަވިއިރު 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ.
ތިޔަރީ ސެޝަންތަކަކާއި އަމަލީ މަސައްކަތުގެ ސެޝަންތަކެއް އެކުލެވޭ ގޮތަށް ހިންގޭ މި ޕްރޮގުރާމަށް ފުދޭވަރެއްގެ ތަރުހީބެއް ލިބިފައިވާތި ދެބަޔަކަށް ބަހާލައިގެން މި ޓްރެއިނިން ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަހުގެ 20 ގެ ކުރިން މި ޕްރޮގުރާމް ހިންގާ ނިންމާނެ ކަމަށާއި މިއީ ގާތްގަނޑަކަށް 3 ދުވަހުގެ ޕްރޮގުރާމެއް ކަމަށެވެ.
އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވޮލޮޕްމެންޓް (އިފާޑް) އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއާ ގުޅިގެން ކުރިއަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ލޭނު މަސްވެރިކަމުގެ ތެރޭގައި ހިމެނޭ މިޔަރުގެ މަސްވެރިކަން ގާނޫނީ ގޮތުން މަނާކުރުމުގެ ކުރިން ކުޅުދުއްފުއްޓަކީ މިޔަރުގެ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރި ރަށެވެ.