ތިމާވެށި ދުވަސް ފާހަގަކުރުމަށް ޖަލާލުއްދީން ސްކޫލުގެ އިކޯ ކުލަބުން އިސްނަގައިގެން ކުޅުދުއްފުށީ ބަނދަރުމަތީ ސަރަހައްދުގައި 500 ގަސް އިންދައިފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން އިކޯ ކުލަބް ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ރިޔާޒު ވިދާޅުވީ ހުޅުމާލެއިން ލިބިފައިވަނީ 500 ފިތުރޯނު ގަސް ކަމަށާއި އެ ހުރިހާ ގަހެއް އިންދާފައިވާ ކަމަށެވެ.
ތިމާވެށި ދުވަހުގެ ގަސް އިންދުމުގެ ޕްރޮގުރާމުގައި އިއްޔެ ހަވީރު ޖަލާލުއްދީން ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްޓާފުން ބައިވެރިވެފައި ވެއެވެ.
ރިޔާޒް ވިދާޅުވީ މޫސުން ގޯސްވި ކަމުގައިވިޔަސް މި ޕްރޮގްރާމަށް ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެންމެންގެ މަސައްކަތުން އިރުއޮއްސުމުގެ ކުރިން ހުރިހާ ގަހެއް އިންދާ ނިންމި ކަމަށެވެ.
ތިމާވެށި ދުވަހުގެ ގަސް އިންދުމުގެ ޕްރޮގުރާމަށް 1200 ގަސް ގެނައުމަށް ހަމަޖެހިފައިވީ ނަމަވެސް ހުޅުމާލެއިން ލިބިފައިވަނީ ހަމައެކަނި 500 ގަހެވެ.
މިއަދަކީ ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހެވެ.