ވިލިނގިލީ ފެރީޓަރމިނަލް ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލަކުން ވަގަށް ޕެޓްރޯލު ނެގި ވައިކަރަދޫ ޒުވާނަކާއި އިތުރު ޒުވާނަކު 1 އަހަރަށް އަރުވާލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އަރުވާލުމަށް ހުކުމް ކޮށްފައިވަނީ ހދ. ވައިކަރަދޫ ޒަމީން، މުހައްމަދު ޒައިން (19އ) އާއި ބ. ތުޅާދޫ ރުކުމާގެ، މުހައްމަދު ޝާން (23އ) ގެ މައްޗަށެވެ.
މި ދެ މީހުން އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، 2012 އޮކްޓޫބަރު 19 ވަނަ ދުވަހުގެރޭ 19:15 ހާއިރު ވިލިނގިލީ ފެރީޓަރމިނަލް ކައިރީގައި އޮންނަ ޕާކްކުރާ ސަރަޙައްދުގައި ޕާކް ކޮށްފައިހުރި ސައިކަލަކުން ވަގަށް ޕެޓްރޯލް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
ވައްކަމުގެ މިކުށުގައި މި ދެ މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ދައުވާ އެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އެ ދެ މީހުން ސައިކަލުން ކުށަށް އިންކާރު ކޮށްފައި ވީނަމަވެސް، އެ ދެމީހުން ސައިކަލުން ވަގަށް ޕެޓްރޯލް ނަގާފައިވާކަން ޝަރީޢަތަށް ހެކިބަސްދިން ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވެއެވެ.
ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދޭ ގޮތުގައި ސައިކަލުން ވަގަށް ޕެޓްރޯލް ނެގިކަމުގެ ކުށް ސާބިތުވި ދެ މީހުންނަކީ، ޖަމާއަތް ހަދައިގެން މިދިޔަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ފިހާރައެއް ފަޅާލާ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައިގެ ރެކޯޑް އޮތް ދެ މީހުންކަމަށް ވެސް ފުލުހުން ބުނެ އެވެ.