twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭގެ އުއްމީދީ އެތުލީޓް އަޒްނީމް އެތުލެޓިކްސް އާ ދުރަށް

Jun 11, 2014

ލަންޑަންގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ކުޅުދުއްފުށީގެ ޒުވާން އެތުލީޓް އަޒްނީމް އަހްމަދު ވާދަކުރާ މަންޒަރު ބަލަން ގިނަ ބަޔަކު ޓީވީ ދޮށުގައި ފުނިޖެހިފައި ތިއްބެވެ. އެ މުބާރާތުގެ އެންމެ މޮޅު އެތުލީޓް ޖެމެއިކާގެ ޔޯހަން ބްލޭކްމެން ފަދަ އަތުލީޓުންނާއެކު ދުވުމުގެ ފުރުސަތު ލިބުމަކީ ހަމަ ޔަޤީނުންވެސް ދިވެހި ޤައުމަށް އަދި ޚާއްސަކޮށް ކުޅުދުއްފުށީގެ ފަސްގަނޑަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚްރެކެވެ. އެ އިވެންޓްގައި އަޒްނީމްވަނީ ރާއްޖޭގެ އޭރުގެ ޤައުމީ ރިކޯޑް އާކޮށް ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

“ހަޔާތުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ވާދަކޮށް ލިބުނު ކާމިޔާބީ. ވަރަށް އުފާވި ބްލޭކްމެންފަދަ އައުޓްސްޓޭޑިންގ އެތުލީޓުންނާ ވާދަކޮށްލުމުގެ ފުރުސަތު ލިބުނީމަ” މި ނޫހާ މައުލޫމާތު ހިއްސާކުރަމުން އަޒްނީމް ހާމަކުރިއެވެ.

އެތުލެޓިކްސްގެ ހަޔާތުގައި އިންޓަރ ހައުސް އަދި އިންޓަރ ސްކޫލް މުބާރާތްތަކުގައި ރަންވަނަތަކެއް ހޯދުމަށްފަހު އަޒްނީމަށް ރާއްޖޭގެ އެތުލެޓިކްސް ޕޫލުން ޖާގަ ލިބުނީ 2008 ވަނަ އަހަރުގެ މަކިޓާ ޗެމްޕިއަންޝިޕުގައި ދެއްކި ފާހަގަކޮށްލެވޭފަދަ ނަތީޖާތަކުގެ ސަބަބުންނެވެ.

“11.4 އިން މަކިޓާ ޗެމްޕިއަންޝިޕްގަ 100މީޓަރ ނިންމީ. ދެން އެތުލެޓިކްސް އެސޯސިއަޝަނަށް ފާހަގަވެގެން ބުނީ ވަޒީފާއެއްގަހޭ އުޅެނީ. ދެން ބުނިން ޕޮލިސްއަށް އެޕްލައި ކޮށްގެނޭ މިއުޅެނީ. ދެން އެކަމުގަ އެއްވެސް މައްސަލައެއް ނެތްކަމަށް ބުނީ. އަދި އަވަހަށް ޕޫލަށް ޖޮއިން ކުރަން އުޅެން ވީއޭ ބުނީ” އަޒްނީމް ހާމަކުރި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި ވަޒީފާ އަދާކުރަމުންދާ އަޒްނީމްވަނީ އެތްލެޓިކްސްގެ ތަފާތު ގިނަ ޓްރެއިނިންތައް ފުރިހަމަކޮށް ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ގޭމްސްގައި 4 ގުނަ 100 މީޓަރު ރިލޭގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް އެތުލެޓިކްސް އިން މެޑަލް އެއް ހޯދައިދިނުމުގައި އަދާކުރި މުހިއްމު ދައުރެވެ. މީގެ އިތުރުން އަޒްނީމްވަނީ ވޭތުވެދިޔަ 5 އަހަރުތެރޭގައި ބައިނަލްއަޤްވާމީ ގޮތުން ރާއްޖެ ތަމްސީލުކުރި އެތުލެޓިކްސްގެ ދުވުމުގެ ސްޕްރިންޓް އިވެންޓް ތަކުގައި ވާދަކޮށްްފަ އެވެ.

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފު ލިބިފައިވާ އަޒްނީމް ވާދަކޮށްފައިވާ ބޮޑެތި މުބާރާތްތަކުގެ ތެރޭގައި ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕް، ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕް، އޮލިމްޕިކް ގޭމްސް، ކޭމްޕަރޑައުން ކްލެސިކް، ޔޫޓެކް ކުލެސިކް، ޖޭއޭއޭއޭ ޑެވެލޮޕްމެންޓް މީޓް، އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ހިމެނެއެވެ. މީގެ އިތުރުންވެސް ސަރަހައްދީ އަދި ގިނަ އަދަދެއްގެ އޯޕަން މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ރީތިނަން ހޯދައިދީފައިވެއެވެ.

“ވަރަށް ކުޑައިރުއްސުރެ އެތުލެޓިކްސްއަށް ޝައުޤުވެރިކަން ހުރޭ. ކުޑައިރުވެސް ހިތަށް އަރާ ކޮންމެވެސް ދުވަހަކުން 100މ ގެ ރާއްޖޭގެ ރިކޯޑް މުގުރާލާނަމޭ” އަޒްނީމް ބުންޏެވެ.

އެތުލެޓިކްސްގެ ދުނިޔޭގައި އުސައިން ބޯލްޓަށް އެންމެ ތާއީދުކުރާ އަޒްނީމަކީ ރާއްޖޭގެ އެތުލެޓިކްސްގައި އެންމެ ގިނަ އަމަލީ ތަޖްރިބާއާއި ތަމްރީނު ލިބިފައިވާ އެއް ފަރާތެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ޖެމެއިކާގެ ކިންގްސްޓަން ހައި ޕާފަމެންސް ސެންޓަރުގައި ހެދި ޓްރެއިނިން ތަކެވެ.

“ޖެމެއިކާގެ ޓްރެއިނިން ވަރަށް ތަފާތު. ކޮންމެ ދުވަހަކުވެސް ދުނިޔޭގެ އެންމެ ބާރަށް ދުވާ ދުވުންތެރިން ކަމުގައިވާ ބޯލްޓް، ބްލޭކްމެން ފަދަ ފަރާތްތަކާ ދިމާވޭ. އަދި އިރުޝާދުވެސް ލިބޭ. ވަރަށްް ގިނަ ކަންތައްތައް ދަސްވި. އެންމެ ދެރަވީ ގިނަދުވަހު އިންޖަރީގައި އުޅެން ޖެހި އެތުނުގެ ބައެއް މުބާރާތްތަކުގައި ބައިވެރި ނުވެވުނީމަ. އޮލިމްޕިކްގެ އިވެންޓެއްގެ ފައިނަލަށްވުރެ އެތަނުގެ އިވެންޓްތަކުގެ ފައިނަލް މާ ފޯރިގަދަ” އަޒްނީމް ބުންޏެވެ.

މިހާރު އެތުލެޓިކްސްއިން ދުރަށް ގޮސްފައިވާ އަޒްނީމް އެންމެ ފަހުން ވާދަކުރީ 2013 ވަނަ އަހަރުގެ ޖުލައިމަހު އިންޑިޔާގެ ޕޫނޭގައި އޮތް އޭޝިޔަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގަ އެވެ.

“މިހާރު އެތުލެޓިކްސް މުޅިން ކަހަލަ ގޮތަކަށް ހުއްޓާލައިގެން މިހުރީ. ދެން ނެތް އަލުން އެތުލެޓިކްސްއަށް އަނބުރާ ދިއުމުގެ ހިޔާލެއް. މިހާރު ހަމަ ވަރަށް ބޮޑަށް ޕޮލިސްއަށް ކޮމިޓްވެގެން މަސައްކަތް މިކުރަނީ. މީވެސް ވަރަށް އިންޓްރެސްޓް ހުންނަ ދާއިރާއަކަށްވެފައި ޕޮލިހުގައިވެސް ކުރިއަށް ދިއުމަށް ރަނގަޅު ފުރުސަތުތަކެއް އެބަހުރި” އަޒްނީމް ބުންޏެވެ.

އެތުލެޓިކްސްއާ ދުރަށް ދިޔަ ސަބަބާއި ބެހޭގޮތުން ސުވާލުކުރުމުން އަޒްނީމް އެކަމަށް ކޮމެންޓްކުރަން ދެކޮޅު ހެދިއެވެ. ނަމަވެސް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްނީމް އެތުލެޓިކްސްއާ ދުރަށް ދިޔައީ ވަޒީފާ އަދާކުރަމުންދާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުންނާއި އެތުލެޓިކްސް އެސޯޝިއަންގެ ފަރާތުންވެސް މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ އެވެ.

އަޒްނީމަކީ އެކުރާ ކަމެއް ވަރަށް ޑިސިޕްލިންކޮށް ކުރާ ފަރާތެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ 2008 ފެށިގެން 2013 އާ ހަމައަށް މި ވޭތުވެދިޔަ ދުވަސްތަކުގައި އަޒްނީމްގެ ޕްރެކްޓިހުގެ ހާޒިރީގެ ބަރާބަރު ކަމެވެ.

“މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ދުވަހަކުވެސް ޕްރެކްޓިހަށް ހާޒިރުނުވެ ނުހުންނަން. އިންޖަރީއެއްވެގެން ނޫނީ ޑިއުޓީގައި ހުރެގެން ނުދެވިފަ ހުންނާނީ. އެކަމަކު އެގޮތަށް ކަންތަށް ދިމާވިޔަސް ކޯޗަށް ކުރީބައިގަ އެނގޭނެ. އެހެންވީމާ އަރަމުން އަންނަ ޒުވާން ކުދިންނަށްވެސް އެންމެ ދޭން ބޭނުންވާ މެސެޖަކީ އެކުރާ ކަމެއްގައި ވަރަށް ޑިސިޕްލިންކޮށް މަސައްކަތް ކޮށްގެނޭ ކާމިޔާބީ ލިބޭނީ. އަދި ހާސިލްކުރެވޭފަދަ އަމާޒެއް ކަނޑައަޅައިގެން ކުރިއަށް ދިއުމަކީ ވަރަށް މުހިއްމު ކަމެއް” އަޒްނީމް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355