މިދިޔަ ހޯމަ ދުވަހު 7 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ނޮޅިވަރަންފަރު، ނަސްރު ދޯނި އަދިވެސް ފެނިފައި ނުވާ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯހުން ބުނެފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ވިދާޅުވީ ނަސްރު ދޯނި އަދިވެސް ފެނިފައި ނުވާ ކަމަށާއި އެސަރަހައްދުން ދަތުރު ކުރާ އުޅަނދުތަކުން މިދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފްއާ ހިއްސާ ކުރުމަށް އާންމުކޮށް އަންގާ އިއުލާނުކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފްގެ ގާބިލިއްޔަތުކަން ހުރި މިންވަރުން އެދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
“ޕަބްލިކް އެނައުންސްމެންޓެއް ކޮށްފައިވާނީ އެސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފްއަށް ވީހާވެސް އަވަހަކަށް އެމައުލޫމާތު ހިއްސާ ކޮށްދެއްވުމަށް. އަދި އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި މިންވަރަކުން ނަސްރު ދޯނި ހޯދުމުގެ މަސައްކަތް ކުރިއަށް މިގެންދަނީ.” ސްޕޯކްސް ޕާސަން ހުސެއިން ވިދާޅުވި އެވެ.
ނޮޅިވަރަންފަރު ނެރު މައްޗަށް ދޯނި ބަންޑުން ޖަހާލި މި ހާދިސާގައި މި ދޯނިން ދަތުރުކުރި 7 މީހުންވަނީ ފަތާފައި ގޮސް ރަށަށް އަރާފަ އެވެ.
45 ފޫޓުގެ ނަސްރު ދޯނީގައި ބަންޑުން ޖަހާލި އިރު މަސް ހުރިކަމަށް މައުލޫމާތު ލިބެ އެވެ.