ކުޅުދުއްފުއްޓަށް ލޯކަލް ޓޫރިޒަމް ތައާރަފުކުރުމުގެ ވިސްނުން ކައުންސިލުގައި އެބަހުރި ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަލީ މުހައްމަދު މިހެން ވިދާޅުވީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު މި ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ ކައުންސިލުގެ އަމިއްލަ އާމްދަނީ އިތުރުކުރުމަށްޓަކައި ކުޅުދުއްފުއްޓަށް ލޯކަލް ޓޫރިޒަމް ގެނައުމަށް އެލްޖީއޭގެ މެންބަރުނާއެކު މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށެވެ.
ކައުންސިލުގެ ރައީސް ވިދާޅުވީ ވަރަށް އަވަހަށް އަމިއްލަ ފަރާތަކުން ކުޅުދުއްފުށީގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފަށާނެ ކަމަށާއި އެ ފަދަ ފަރާތްތަކަށް ކައުންސިލުން ވެދެއްވެން އޮތް އެހީއެއް ވަމުން އަންނަކަމަށެވެ.
އެލްޖީއޭ ގެ ބޯޑު މެންބަރުންނާ އެކު ބޭއްވި މި ބައްދަލުވުމުގައި އެންމެ ބޮޑަށް ވާހަކަ ދެކެވިފައިވަނީ ކައުންސިލުތަކަށް އާމްދަނީ އިތުރުކުރުމާ ބެހޭގޮތުން ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. އެ ގޮތުން މި މަހުގެ 26 ގެ ކުރިން ވިޔަފާރި ޕުރޮޕޯސަލެއް ހުށަހެޅުމަށް އެލްޖީއޭއިން ލަފާ ދީފައިވާ ކަމަށްވެސް އަލީ ވިދާޅުވި އެވެ.
އަލީ މުހައްމަދު ވިދާޅުވީ މި ބައްދަލުވުމުގައި ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ރަށާއި ކައުންސިލުގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެލްޖީއޭ ގެ ދައުރު ފުޅާކުރުމާއި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމާ ބެހޭގޮތުން ދެ ފަރާތުގެ ދެމެދުގައި ވާހަކަތަށް ދެކެވުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.