twitterviber whatsapp telegramfacebookyoutube instagram
14th May 2025

ރަމަޟާން މަހަށް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިފައި

Jun 15, 2014

ނާޒިމް ހަސަން

ރަމަޟާން މަހަށް ކުޅުދުއްފުށީގެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތްތަކަށް ފައިސާ ނެތުމުގެ ސަބަބުން ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ކުޅުދުއްފުށީގައި ހުރި ބައެއް މިސްކިތްތައް މަރާމާތަށް  ބޭނުންވެފައި ވާއިރު މިހާތަނަށް ކުރެވިފައިވަނީ ކުދިކުދި މަސައްކަތްތަކެވެ. އިތުރަށް ހުރި މަސައްކަތްތައް ކުރެވެން އަންނަނީ ބަޖެޓް ލިބިގެންކަމަށް ކައުންސިލް އިން ވަނީ މައުލޫމާތު ލިބިފަ އެވެ.

މިސްކިތްތައް މަރާމާތުކުރުމާބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް މި ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ރަމަޟާން މަހުގެ ކުރިން މިސްކިތްތައް މަރާމާތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ބަޖެޓް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކިހާ އަދަދެއްކަން ދަންނަވަން އެނގިނުލައްވާ ކަމަށާއި ބަޖެޓަށް ލިބުނު ސީދާ އަދަދު ސާފުކުރުމަށް ކައުންސިލް އިދާރާގެ ބަޖެޓް ކޮމެޓީއަށް ގުޅައިގެން ސާފުކުރުމަށް ކައުންސިލުގެ ރައީސް އެދިލެއްވި އެވެ.

ބަޖެޓާ ބެހޭ ގޮތުން ކައުންސިލުގެ ޒިންމާދާރުވެރިޔާ އިސްމާއިލް ދެއްވި ޖަވާބު ކައުންސިލުގެ ރައީސް ދެއްވި މައުލޫމާތާ މުޅިން ތަފާތެވެ. ޒިންމާދާރު ވެރިޔާ ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަށް ބަޖެޓް ލިބިފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަޖެޓު ލިބޭނީ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތަކާއި ހިނގާނެ ހަރަދު އެސްޓިމޭޓު ކޮށްފައި މިނިސްޓްރީއަށް ފޮނުވުމުން ކަމަށާއި މިގޮތަށް މިކަން ކުރުމަށް ހުރިހާ ރަށްތަކަށްކަށް ވެސް މިނިސްޓްރީން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސްކިތްތައް މަރާމާތުކުރުމަށް ބިޑް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 3 ފަރާތަކުން ބިޑް ހުށައަޅާފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެ ބިޑްތައް އިވޭލިއުޓުކޮށް މިހަފްތާގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވި އިރު އިސްމާއިލް ވިދާޅުވީ އިވޭލުއޭޓު ކުރުމަށް ފަހު އެސްޓިމޭޓް މިނިސްޓްރީ އަށް ފޮނުވުމަށްފަހު އެއީ ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ކަމުގައި މިނިސްޓްރީއަށް ފެންނަނަމަ އެ ވަރަކަށް ބަޖެޓް މިނިސްޓްރީ އިން ފޮނުވާނެ ކަމަށެވެ. މަސައްކަތް ހަވާލުކުރެވޭނީ އެއަށް ފަހުގައި ކަމުގައިވެސް އިސްމާއިލް ވިދާޅުވި އެވެ.

މަސްޖިދިލް އޫލާގެ ބޭރު ސަތަރި އައު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ  ކަމަށާއި އެހެނިހެން ބޮޑެތި މަރާމާތުތައް ނުފެށި ލަސް ވެފައި ވަނީ މިނިސްޓްރީން ބަޖެޓް ދިނުން ލަސްވެފައިވާތީކަމުގައި ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. ނަމަވެސް މިހާރު ބަޖެޓް ލިބިފައިވާތީ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355