ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި އަތޮޅުތަކުގެ ބައިން އެއްވަނަ ހދ އަތޮޅު ހޯދައިފި އެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ގުރުއާން ކިޔެވުމުގެ 29 ވަނަ ގައުމީ މުބާރާތުގައި ހދ އަތޮޅުން 15 ދަރިވަރުން ވަނީ ވާދަކޮށްފަ އެވެ. މި މުބާރާތުގެ 3 ވަނަ އަތޮޅަކަށް ހޮވިފައިވަނީ ހއ އަތޮޅެވެ.
މި މުބާރާތުގައި ހދ އަތޮޅުގެ 5 ދަރިވަރަކު ވަނީ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެއީ 7 އަހަރުން ދަށުގެ އުމުރު ފުރާއިން 1 ވަނަ މަކުނުދޫ ސްކޫލުގެ އައިޝަތު އިލާފް ހޯދިއިރު 2 ވަނަ ލިބިފައިވަނީ އެސްކޫލުގެ ފާތުމަތު ފައިހާ އެވެ.
އަދި 9 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ ހދ އަތޮޅު މަދަރުސާގެ ފައިހާ އަބްދުﷲ އަޤީލް ހޯދިއިރު 16 އަހަރުން ދަށުގެ އުމުރުފުރާއިން 2 ވަނަ ވެސް ލިބިފައިވަނީ އެސްކޫލުގެ އަމާން ރަބީއު އެވެ. އަދި 13 އަހަރުން ދަށުގެ އުމުރުފުރާއިން ދެވަނަ ލިބިފައިވަނީ ހަނިމާދޫ ސްކޫލުގެ މަރިޔަމް ޝައުފާ އެވެ.
މުޅި މުބާރާތު އެއްވަނަ ހޯދާފައިވަނީ އިސްކަންދަރު ސްކޫލުގެ މުހައްމަދު ޝައްފާން އެވެ. އޭނާ ވަނީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލާ ކިޔެވުމުގެ ބައިން ވެސް އެއްވަނަ ހޯދާފަ އެވެ.
ގުރުއާން ހިތުދަސްކުރި ދެ ފަރާތަކަށް ވެސް ހާއްސަ އިނާމެއް ވަނީ ދީފަ އެވެ. ގުރުއާން އެއްކޮށް ހިތުން ދަސްކޮށްގެން އެ އިނާމް ހޯދީ ހދ. ހަނިމާދޫ، ލިލީމާގެ، ފަހީމާ އަބްދުﷲ އާއި ސީއެޗްއެސްއީގެ ދަރިވަރެއް ކަމަށްވާ ރިފްގާ މުހައްމަދު ރަޝީދު އެވެ.
މި މުބާރާތުގައި މާލެއިން 559 ބައިވެރިންނާއި ރަށްރަށުގެ ސްކޫލްތަކާއި ގުރުއާން ކްލާސްތަކުން 227 ބައިވެރިން ވާދަ ކުރި އެވެ.
އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، 29 ވަނަ ގައުމީ ގުރުއާން މުބާރާތުން ވަނަތަކަށް ހޯދި ފަރާތްތަކަށް އިނާމު ދެއްވީ ރައީސް އަބްދުﷲ ޔާމީނާއި ނައިބް ރައީސް މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނެވެ.