ހަނިމާދޫ ސްކޫލުގައި މަތީ ސާނަވީ ތައުލީމަށް ކިޔަވައިދޭން މިއަދު ފަށައިފި އެވެ.
ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ޝަފީގު ވިދާޅުވީ 18 ދަރިވަރުންނާއެކު މަތީ ސާނަވީ ތައުލީމު އެ ސްކޫލުގައި މިއަދު ކިޔަވައިދޭން ފަށާފައިވާ ކަމަށާއި ކިޔަވައިދޭނެ ޓީޗަރުން ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ 3 ޓީޗަރަކު އަދި މިވަގުތު ހުރީ މާލޭގައިި ނަމަވެސް ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެ ތިން ޓީޗަރުން ވެސް ސްކޫލާ ގުޅޭނެ ކަމަށެވެ.
ހަނިމާދޫ ސްކޫލުގެ މަތީ ސާނަވީ ގްރޭޑުތަކުގައި ބިޒްނަސް އަދި ސައިންސް ސްޓްރީމުގެ މާއްދާތަކަށްވެސް ކިޔަވައި ދެއެވެ.
އެ ގްރޭޑުތަކުގައި މިހާރު ކިޔަވައިދެއްވާ ޓީޗަރުން މީގެ ކުރިން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށް ޒިޔާރަތްކޮށް އެ ސްކޫލުން ޓްރެއިނިންގ ހޯދާފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ. އަދި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދަނީ ރަށު ކައުންސިލާއި ސްކޫލުގެ ބޯޑާއި ޕީޓީއޭ ގުޅިގެން އައިލެންޑު އެކްސްޕާރޓުގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ ކުލާސް ރޫމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ ސްކޫލުގައި މި އަހަރު 330 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެ އެވެ.