ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި މިއަދު މެންދުރު ދަންޖެހިފައިހުރި ޒުވާނަކު ސަލާމަތްކޮށްފި އެވެ.
މިއަދު ދަންޖެހިފައި ހުއްޓައި ސަލާމަތްކޮށްފައިވަނީ ކުޅުދުއްފުށީ ދިޔަވަރު، މުހައްމަދު އަބުދުލްހާދީ (22 އ) އެވެ.
އާއިލާގެ ފަރާތުން މި ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ ދަންޖެހެން ދިމާވި ސަބަބެއް ނޭނގޭ ކަމަށާއި އޭނާ ދަންޖެހިފައިވަނީ އޭނާގެ ގޭގެ ކޮޓަރިތެރޭގައި ބެޑު ޝީޓަކުން ކަމަށެވެ. އަދި އޭނާ ދަންޖެހިފައި ހުއްޓައި ސަލާމަތްކޮށްފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ހޭނެތިފަ އެވެ. އަދި މިހާރު އޭނައަށް ފަރުވާ ދެމުން އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
ފުލުހުން ބުނީ ޒުވާނަކު ދަންޖެހިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:15 އެހާކަށް ހާއިރު ކަމަށެވެ. ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.