ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރުން ރޯދަމަހަށް ހާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ވިއްކަން ފެށި މި ބާވަތްތަކުގެ ތެރެއިން އަލުވި އާއި ފިޔާ ބަސްތާއެއް 225ރ. ވިއްކަމުން އަންނައިރު ބިސް ކޭހެއްގެ އަގު އުޅެނީ 250ރ. އަށެވެ.
އެސްޓީއޯގެ އޮފިޝަލަކު ބުނީ ރޯދަމަހަށް ހާއްސަކޮށްގެން ގެނައި ފިޔާ އާއި އަލުވި އަދި ބިސް ވިއްކަމުން ގެންދަނީ ކޮންމެވެސް ވަރަކަށް ލިމިޓްކޮށްގެން ނަމަވެސް ރޯދަމަހަށް ހާއްސަކޮށްގެން ގެންނަ ދެވަނަ ޝިޕްމަންޓު މި މަހު 20 ގައި ރާއްޖެއައުމުން ބޭނުން ވަރަކަށް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.
މިހާރު މިތަކެތި ވިއްކަމުންދަނީ ދުވާލަކު ގޭބިސީއަކަށް ވައްތަރަކުން ބަސްތާއެއްގެ މަގުންނެވެ.
އެސްޓީއޯއިން ބުނެފައިވަނީ މި އަހަރުގެ ރޯދަމަހު ދިވެހިން އާންމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް އުފުލުނަ ނުދިނުމަށް ގިނަ އަދަދަކަށް އެ ބާވަތްތަށް އެތެރެކުރާނެ ކަމަށެވެ. އެގޮތުން ގެނައި ފުރަތަމަ ޝިޕްމަންޓް ހާއްސަކޮށްފައިވަނީ އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކަށެވެ.