twitterviber whatsapp telegramfacebookyoutube instagram
14th May 2025

ދަރިފުޅު ރަނގަޅު ކަމަށް ބުނެ ގެއަށް ފޮނުވާލިތާ 14 ގަޑިއިރުތެރޭ ބަނޑަށް ދަރިފުޅު މަރުވެ އަންހެން މީހާ ސީރިއަސް ހާލަތެއްގައި

Jun 18, 2014

ދަރިފުޅު ރަނގަޅު ކަމަށް ބުނެ ގެއަށް ފޮނުވާލިތާ 14 ގަޑިއިރު ތެރޭގައި ބަނޑަށް ދަރިފުޅު މަރުވެ މައިމީހާގެ ލޭ މަނާނުވެ، ހާލު ސީރިއަސް ވެއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ކުޅުދުއްފުށީ، އުމުރުން 25 އަހަރުގެ މި އަންހެން މީހާގެ ފިރިމީހާ ބުނީ އިއްޔެ ޑޮކްޓަރަށް ދައްކަން ދިޔުމުން ދަރިފުޅު ރަނގަޅު ކަމަށާއި ދުވަސްފުރިފައިވާ ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ. އަދި އިތުރު މައްސަލައެއް އުޅޭނަމަ ދައްކަން އައުމަށް ބުނެ ގެއަށް ފޮނުވާލީ ކަމަށެވެ.

“ޑޮކްޓަރަށް ދައްކަން އިއްޔެ މެންދުރު ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިޔައީ. ޑޮކްޓަރު ސްކޭންކޮށް ހަދާފައި ބުނީ ބޭބީ އާއި ބޮޑު މީހާވެސް ރަނގަޅު ކަމަށް. އަދި ބޭބީއަށް 39 ހަފުތާވެ ދުވަސް ފުރިފައިވާ ކަމަށް ވެސް ޑޮކްޓަރ ބުނި. ގޯސް ވަންޏާ އަންނާށޭ ކިޔާފަ ގެއަށް ފޮނުވާލީ” އޭނާ ބުންޏެވެ.

އޭނާ ބުނީ ރޭ މެންދަމު 12 ޖަހާއެހާއިރު މައިމީހާއަށް ތަފާތު ގޮތްތަކެއް ހީވާން ފެށުމުން ފަތިހު 4 ޖެހިއިރު ހޮސްޕިޓަލަށް އައިސް ދެއްކުމުން މައިމީހާގެ ބަނޑަށް ދަރިފުޅު މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

އަދި މިއަދު ހެނދުނު 9:30 ހާއިރު ދަރިފުޅު ވިހާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްޓިން މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ ރޭ ފަތިހު 4 ޖެހިއިރު މާބަނޑު އަންހެނަކު ހޮސްޕިޓަލަށް ގެނެވި ފަރުވާދެމުންދާ ކަމަށާއި އެ އަންހެންމީހާގެ ލޭ މަނާ ކުރުމަށް ބޭނުންވާ މާއްދާ އައިޖީއެމްއެޗުން އާއިލާ އާއި ހޮސްޕިޓަލް ގުޅިގެން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ވިހޭ ކުއްޖާ މަރުވެފައިވަނީ ރޭގަ ކަމަށް ނުބެލެވޭ ކަމަށާއި ކުއްޖާ ބަނޑުގައި މަރުވެފައިވާ އޮންނަތާ ގިނައިރު ތަކެއް ވެފައިވާކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ. އަދި ކުއްޖާގެ ފޫޅުދަނޑި އާއި މަސް ކުއްޖާއާ ވަކިވެ، ލޭގަނޑުވެފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

އަންހެން މީހާގެ ހާލު ސިރިއަސް ކަމަށް އާއިލާއިން ބުނެ އެވެ. އަދި ލޭ އައުން ހުއްޓުވުމަށް ބޭނުންވާ ލޭގެ ދެ މާއްދާގެ ތެރެއިން ލިބިފައިވަނީ އެއް މާއްދާ ކަމަށް އާއިލާ ފަރާތުން މައުލޫމާތު ދެ އެވެ.

މި އަންހެން މީހާ ދުވަސްފުރާ ވިހާފައިވަނީ ފިރިހެން ކުއްޖެއްކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355