ބޭންކް އޮފް މޯލްޑިވްސްއިން “ހެޑް އޮފް ކަސްޓަމަރ ސަރވިސް” މަޤާމު އުފައްދައި އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ހެޑް އޮފް ކަސްޓަމަރ ސަރވިސްގެ މަގާމަށް އައްޔަން ކޮށްފައިވަނީ މެނޭޖަރ ކަސްޓަމަރ އެކްސްޕީރިއަންސްގެ މަގާމުގައި ކުރިން ހުރި މޫސާ ނިމާލް އެވެ. ނިމާލު ރިޕޯޓުކުރާނީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މރ. އެންޑްރޫ ހީލީއަށެވެ. އަދި ނިމާލަކީ ބޭންކުގެ މުވައްޒަފުންގެ ކްލަބް، ޔުނަައިޓެޑް ބީއެމްއެލްގެ ރައީސް ވެސްމެއެވެ.
ހެޑް އޮފް ކަސްޓަމަރ ސަރވިސްގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރުމާ ގުޅިގެން ބޭންކުގެ ސީއީއޯ އަދި އެމްޑީ މރ. އެންޑްރޫ ހީލީ ވިދާޅުވީ “އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ވަރަށް ރަނގަޅަށް އެބަ ކުރޭވޭ، ނަމަވެސް އަޅުގަނޑުމެން ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަންޖެހޭކަން ޤަބޫލުކުރަން. ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އަޅުގަނޑުމެން މިވަނީ ނިންމާފަަ އަދި މިއަދު މި އުފެދުނު މަޤާމުންވެސް އަޅުގަނޑުމެން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަން ދޭ މިންވަރު ދޭހަވާނެ. ނިމާލް މަސައްކަތް ކުރައްވާނީ ކަސްޓަމަރުން ހިތްހަމަނުޖެހޭ ކަންކަމާއި ޚިދުމަތް ދިނުމުގައި ލަސްވާ ސަބަބުތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް.”
ދާދީ ފަހުން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ރޭވިފައިވާ ކަންކަން ހާމަކޮށްފައެވެ. މީގެ ތެރޭގައި އައު ބްރާންޗް މޮޑެލްއެއް ތަޢާރަފްކޮށް، ކަސްޓަމަރުންނަށް ޚިދުމަތްދޭ މުވައްޒަފުންގެ އަދަދު އިތުރުކޮށް އަދި ވިޔަފާރިތަކަށް ޚާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ޢައްޔަނުކުރުން ހިމެނެއެވެ. ބޭންކުން ވަނީ ބޮޑެތި އަދަދުގެ ނަގުދު ފައިސާގެ މުޢާމަލާތްކުރުމަށް ޚާއްސަ ސެންޓަރެއް ޤާއިމުކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ނެގޭ އައު ބާވަތެއްގެ 20 އޭޓީއެމް ބެހެއްޓުމަށްވެސް ނިންމާފައެވެ.