ނާޒިމް ހަސަން
މަދިރީގެ ނުރައްކާތެރިކަމާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުޅުދުއްފުށީގެ ސްކޫލުތަކުގައި ފަށައިފި އެވެ.
“މަދިރި ރުޅި ރުޅި” ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން އިއްޔެ ވަނީ އަމީރު އަމީން ސްކޫލުގައި ހާއްސަ އެސެމްބްލީއެއް ބާއްވާފަ އެވެ. އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ވެސް އެ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް މިއަދު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ.
މީގެ އިތުރުން އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލް އަދި އިރުމަތި އަވަށު ޕްރީ ސްކޫލުގައި މި ހަރަކާތް އަންނަ ހަފުތާގެ ތެރޭގައި ބާއްވާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ޕަބްލިކް ހެލްތާއި ކުޅުދުއްފުށީ ރަށު ކައުންސިލް އަދި ސަރުކާރުގެ މުއައްސަސާތަކާއި ރެޑު ކްރެސެންޓް ގުޅިގެން ކުޅުދުއްފުށީގެ ސްކޫލުތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ސްކޫލުތަކުގައި މައުލޫމާތު ދެއްވަނީ ޕަބްލިކް ހެލްތުގެ ބޭފުޅުންނެވެ. މި ޕްރޮގްރާމުގައި މައުލޫމާތު ދެވެނީ މަދިރި ކޮންޓްރޯލު ކުރެވޭނެ ގޮތްތަކާއި މަދިރީގެ ސަބަބުން ޖެހޭ ބަލިތަކާ ބެހޭ ގޮތުންނެވެ.
ކުޅުދުއްފުށީ ކައުންސިލުގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮނިހިރު ދުވަހުގެ ހެނދުނު އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހިނގާލުމެއް ރާވަމުން އަންނަ ކަމަށެވެ.