ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އެއްވަނަ އަތޮޅަކަށް ހދ އަތޮޅު ހޮވުމާ ގުޅިގެން އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހދ އަތޮޅު ކައުންސިލުގެ ފަރާތުން ވައިކަރަދޫގައި ހަފުލާއެއް ބާއްވަން ނިންމައިފި އެވެ.
މި ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ އަތޮޅު ކައުންސިލުގެ ދެވަނަ ދައުރުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަބުދުލް ލަތީފް ހަސަން ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެންނެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އަބުދުލް މުހައިމިން ވިދާޅުވީ އަތޮޅަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގު އަބަދުވެސް ފާހަގަކުރާ ކަމަށާއި އެގޮތުން ޤުރުއާން މުބާރާތުގައި ހދ އަތޮޅަށް ދަރިވަރުން ހޯދައިދިން ކާމިޔާބީގެ އަގު ވަޒަން ކުރުމުގެ ގޮތުން މި މަހުގެ 26 ވަނަ ދުވަހު ވައިކަރަދޫގައި މި ހާއްސަ ހަފުލާ ބާއްވަން ނިންމީ ކަމަށެވެ.
މި ހަފުލާ ވައިކަރަދޫގައި ބާއްވަނީ ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ނިސްބަތުން އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ އެ ރަށުން ކަމަށްވެފައި އަދި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ސަޤީފް އެ ރަށުގައި ހަފުލާ ބޭއްވުމަށް ހުށަހެޅުމުން ކަމަށް މުހައިމިން ވިދާޅުވި އެވެ.
މުބާރާތުގައި ހދ. އަތޮޅު ތަމްސީލުކުރި 15 ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން މި ހަފުލާގައި ބައިވެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭގައި ބާއްވާ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ހދ އަތޮޅުން 15 ދަރިވަރަކު ތަމްސީލު ކުރިއިރު އޭގެތެރެއިން 7 ދަރިވަރުން ނިސްބަތްވަނީ ވައިކަރަދޫ އަށެވެ.
މި މުބާރާތުގައި ހދ އަތޮޅުގެ 5 ދަރިވަރަކު ވަނީ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެއީ 7 އަހަރުން ދަށުގެ އުމުރު ފުރާއިން 1 ވަނަ މަކުނުދޫ ސްކޫލުގެ އައިޝަތު އިލާފް ހޯދިއިރު 2 ވަނަ ލިބިފައިވަނީ އެ ސްކޫލުގެ ފާތުމަތު ފައިހާ އެވެ.
އަދި 9 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ ހދ އަތޮޅު މަދަރުސާގެ ފައިހާ އަބްދުﷲ އަޤީލް ހޯދިއިރު 16 އަހަރުން ދަށުގެ އުމުރުފުރާއިން 2 ވަނަ ވެސް ލިބިފައިވަނީ އެސްކޫލުގެ އަމާން ރަބީއު އެވެ.
އަދި 13 އަހަރުން ދަށުގެ އުމުރުފުރާއިން ދެވަނަ ލިބިފައިވަނީ ހަނިމާދޫ ސްކޫލުގެ މަރިޔަމް ޝައުފާ އެވެ.