twitterviber whatsapp telegramfacebookyoutube instagram
14th May 2025

ހދ. އަތޮޅުގެ ސިއްހީ ހިދުމަތް ވަނީ “ކޯމާ”އެއްގަ: އަތޮޅު ކައުންސިލް

Jun 19, 2014

ހދ. އަތޮޅުގެ ސިއްހީ ނިޒާމްވަނީ “ކޯމާ”އެއްގަ ކަމަށާއި ސަރުކާރުން ހދ އަތޮޅުގެ ސިއްހީ ހިދުމަތަށް އެކަށީގެންވާ އިޖާބައެއް ނުދީފިނަމަ މުޅި ތިލަދުންމަތީގެ ރައްޔިތުން ސިލްސިލާ އިހުތިޖާޖުތަކެއް ފަށާނެ ކަމުގެ އިންޒާރު އަތޮޅު ކައުންސިލުން ދީފި އެވެ.

ހދ. އަތޮޅު ކައުންސިލުން މިއަދު އާއްމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ އަތޮޅުގެ ސިއްހީ ހިދުމަތްތައް ފަހުގެ ތާރީހެއްގައި ދަށަށް ނުދާ މިންވަރަށް މިއަދު ދަށަށްގޮސްފައިވާ ކަމަށާއި އަތޮޅުގައި ހުރި ބާރަ ހެލްތް ސެންޓަރުގައި ބޭނުންކޮށްލާނެ މަލަން ރޯލެއްގެ މިންވަރުވެސް ނެތްކަމަށެވެ.

ފަސްދޮޅަސް ހާސް ރައްޔިތުންނަށް ހިދުމަތްދިނުމަށް އުތުރުގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓާކަމުގައިވާ ކުޅުދުއްފުށީ ރީޖަނަލު ހޮސްޕިޓަލުގައި ވެސް އެކަށީގެންވާ މެޝިނަރީ އާއި ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ނެތް އިރު އެތަނުގައި ކޮންމެހެން ހުންނަން ޖެހޭ އަންގިޔާއި ސްކޭން ކުރުމުގައި ބޭނުންކުރާ ޖެލްފަދަ ތަކެތިވެސް ނެތްކަމަށް ކައުންސިލުގެ ބަޔާނުގައިވެ އެވެ. އަދި ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުގެ ލެބޯޓަރީއަށް ބޭނުންވާ ރީޖެންޓްތައް ނެތުމުންގެ ސަބަބުން މުހިއްމު ގިނަ ޓެސްޓްތަކެއްވެސް ހެދެން ނުހުންނަކަން ހދ. އަތޮޅު ކައުންސިލުގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ތިން ސޮފްހާގެ މިނޫސްބަޔާނުގައި ބުނެފައިވަނީ އަންހެނުންނަށް ހާއްސަ 3 ޑޮކްޓަރުން ތިބެގެންނޫނީ ހިދުމަތް ނުދެވޭނެ ރީޖަނަލް ހޮސްޕިޓަލުގައި މިވަގުތު ހުރީ އަންހެނުންގެ ހާއްސަ އެންމެ ޑޮކްޓަރެއްކަމަށާއި އަންހެނުންނަށް ހާއްސަ އެންމެ ޑޮކްޓަރެއް 24 ގަޑިއިރު މަސައްކަތްކުރަންޖެހުމުގެ ސަބަބުން ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ގަބޫލުކުރަންދަތި ހިތާމަވެރި ހާދިސާތަކެއް ހިންގާފައިވާކަމަށެވެ.

އަދި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ހދ. އަތޮޅުގެ ސިއްހީ ދާއިރާގެ ބަޖެޓްގައި ފޮޅާ ސާފުކުރުމުގެ ކޯޑުގައި ހިމަނާފައިވަނީ އެންމެ 1200 ރުފިޔާކަމަށާއި އެއީ އަތޮޅުގެ ރައްޔިތުންނަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށް އެބަޔާނުގައިވެ އެވެ.

ސަރުކާރުގެ ކޯލިޝަނުންގެ އަގުލަބިއްޔަތު އޮންނަ ހދ. އަތޮޅު ކައުންސިލުގެ މިބަޔާނުގައިވަނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަންހެނުންނަށް ހާއްސަ އިތުރު 2 ޑޮކްޓަރުންނާއި އެތެރެހަށީގެ ޑޮކްޓަރަކާއި ހިތުގެ ހާއްސަ ޑޮކްޓަރަކާއި އަލްޓްރާ ސައުންޑް ސްކޭނަރަކާއި އެކްސްރޭ މެޝިނަކާއި 4 އީސީޖީ މެޝިން އަދި 2 ފީޓަލް ޑޮޕްލަރު ފޯރުކޮށްދީ، ވަސީލަތްތައް ގާއިމްކޮށްދިނުމަށް ސަރުކާރަށާއި ހެލްތު ނިމިސްޓްރީއަށް އިއުތިމާސް ކުރާކަމަށެވެ. އަދި 30 ދުވަހުގެ ތެރޭގައި ކައުންސިލުގެ އިލްތިމާސްއަށް އެކަށީގެންވާ އިޖާބައެއް ސަރުކާރާއި ކަމާ ބެހޭ މުއައްސަސާތަކުން ނުދީފިނަމަ އިހްތިޖާޛަށް ނުކުނަންޖެހިދާނެ ކަމަށެވެ.

ހދ. އަތޮޅުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި ކޮންމެތަނެއްގައި، ކޮންމެ ހިނދަކުވެސް އަޑުއުފުލާނެ ކަމަށާއި އަދި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހޭނެކަމަށް އެބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355