ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިން” އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޝަކީލާ ވިދާޅުވީ ރާއްޖޭގެ ބޮޑެތި އެހެން ހޮސްޕިޓަލުތަކެކޭ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް ހެލްތް މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރަނީ ކައުންސިލުން ނިކުމެ މުޒާހަރާކުރީމަ ނޫން ކަމަށާއި މި ސަރުކާރު ފެށުނީއްސުރެ، ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ގެންދާކަމަށެވެ.
ޝަކީލާ ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހުރި މައްސަލަތައް ވެސް މިނިސްޓްރީން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމެންޓް ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
ޑރ. ޝަކީލާ ވިދާޅުވީ ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ ތަކެއްޗާއި އެކްސްރޭ މެޝިނަށް ބޭނުންވާ ތަކެތި ހޯދުމަށް އިއުލާނު ކުރެވިފައިވާ ކަމަށާއި އަދި މިނިސްޓްރީން މިހާރު ގެނައުމަށް ފަށާފައިވާ ޑޮކްޓަރުންގެ ބޮޑު ބައެއް ދާނީ ރާއްޖެތެރޭގެ ބޮޑެތި ހޮސްޕިޓަލުތަކަށް ކަމަށެވެ.
ހެލްތް މިނިސްޓަރ ޝަކީލާ ވިދާޅުވީ ސިއްހީ ދާއިރާ ބޮއްސުންލާފައިވަނީ އިއްޔެއަކު މިއަދަކު ނޫން ކަމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެއްޗަކީ ރާއްޖެއިން ބޭރުންގެންނަން ޖެހޭ ތަކެއްޗަށް ވާއިރު އެ ސާމާނުތައް ގެނައުމަށް ވަގުތު ނަގާނެ ކަމަށެވެ.
ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ކައުންސިލުތަކުން ކުރީ ކޮންކަމެއްތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި ކައުންސިލަށް ފާޑުވިދާޅުވަމުން މިނިސްޓަރ ޝަކީލާ ވިދާޅުވީ “ކައުންސިލުން ޖަހާހާ ބެރަކަށް ނަށަން ނުޖެހޭނެ” ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ދަށްވުމާ ގުޅިގެން ކުޅުދުއްފުށީގައި މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ. އަދި ހދ އަތޮޅު ކައުންސިލުންވެސް މި މައްސަލައިގައި އިހުތިޖާޖަކަށް ނުކުންނާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ.