ކުޅުދުއްފުށީ ހޮސްޕިޓަލުގެ ފެންވަރު ދަށްވެފައިވާ ކަމަށް ބުނެ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި އިހުތިޖާޖު ކޮށްފައިވަނިކޮށް، އެ މައްސަލައިގައި އިހުތިޖާޖުކުރަން އަދި ނުވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވެއްޖެ އެވެ.
ކައުންސިލުގެ ރައީސް އަލީ މުހައްމަދު މިހެން ވިދާޅުވީ އިއްޔެ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ. އިހުތިޖާޖުކުރުމަކީ ހުރިހާ ކަމަކަށް އޮންނަ ހައްލެއް ނޫން ކަމަށާއި އެ މައްސަލައިގައި އިހުތިޖާޖުކުރަން އަދިނުވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. އަދި އެކަން ކުރަންވީމާ ކައުންސިލުންވެސް އިހުތިޖާޖަށް ނިކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުގެ ރައީސް މިހެން ވިދާޅުވި ނަމަވެސް، ހޮނިހިރު ދުވަހު ޒުވާނުންތަކެއް އިސްނަގައިގެން ކުޅުދުއްފުށީ ހޮސްޕިޓަލް ކުރިމަތީގައި ކުރި މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެ އިހުތިޖާޖަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ކައުންސިލުގެ ތާއީދުވެސް މުޒާހަރާއަށް އޮތްކަމަށް އެ ދުވަހު އޭނާ ވިދާޅުވި އެވެ. އެ ދުވަހު މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވާ ކައުންސިލުގެ އެއްބާރުލުން އެ އިހުތިޖާޖަށް އެބައޮތް ކަމަށް ވިދާޅުވުމަށްފަހު، ގައުމީ ޓީވީގައި އިއްޔެ ވާހަކަ ދެއްކެވި ސީދާ އެ ވާހަކަތަކާ ދެކޮޅަށެވެ.
ކައުންސިލުގެ ރައީސް އަލީ މުހައްމަދު އިއްޔެ ޓީވީއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ދުވަހުގެ މުޒާހަރާއަށް ހާޒިރުވީ އެއީ ރައްޔިތުން ކުރާ ކަމަކަށް ވާތީ ކަމަށެވެ. އަދި އެ މުޒާހަރާގައި ހޮސްޕިޓަލުގެ ކަންކަން ރަނގަޅުކުރުމަށް ސަރުކާރާއެކު މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިއްޔެ ކުރީ ކައުންސިލުން އިންތިޒާމުކުރި މުޒާހަރާއެއް ނޫން ކަމަށާއި ރައްޔިތުންގެ ޝަކުވާ އުފެދުނީ އިއްޔެ އަކު މިއަދަކު ނޫން ކަމަށާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހާލަތު ދަށްވެފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް އަލީ ވިދާޅުވި އެވެ. އަދި އެމައްސަލައިގައި ކައުންސިލުން ދިޔައީ ހޮސްޕިޓަލުގެ މެނޭޖުމެންޓާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލުން ސަރުކާރަށް އެއްބާރުލުމާއި ވަގުތުވެސް ދޭނެ ކަމަށެވެ. އަދި ސަރުކާރަށް އިހުތިރާމުވެސް ކުރާ ކަމަށާއި އެހެންނަމަވެސް ހެލްތް މިނިސްޓަރ “ކުޅުދުއްފުށި އޮންލައިން”އަށް ދެއްވި ބަސްދީގަތުމުގައި ކައުންސިލުން ޖަހާހާ ބެރަކަށް ނަށަން ނުޖެހޭނެ ކަމަށް ވިދާޅުވުމުން ލަދުވެތިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ނިންމާލަމުން ރައީސްވަނީ ސަރުކާރަށް އެއްބާރުލުން ދިނުމަށާއި ދޭންޖެހޭ ވަގުތު ސަރުކާރަށް ދީ ކެތްތެރިވެ އިހުތިޖާޖު ނުކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އަދި އިހުތިޖާޖު ކުރަން ޖެހުމުން ކައުންސިލުން އެކަމުގައި ފަސްނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.