ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުންދޭ ހިދުމަތްތައް ދަށްވެފައިވާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހޮނިހިރު ދުވަހު ކުރި މުޒާހަރާގައި ބައެއް ޑޮކްޓަރުން ބޭރުކުރުމަށް ގޮވައި ހަދާފައިވާތީ، ޑޮކްޓަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
މި ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލުގެ އެކްޓިން މެނޭޖަރ މުހައްމަދު ހަސަން ވިދާޅުވީ މުޒާހަރާގައި ބައެއް ޑޮކްޓަރުންގެ ނަން ބޭނުންކޮށްފައިވާތީ ބައެއް ޑޮކްޓަރުން ބިރުގެންފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ހެލްތް މިނިސްޓްރީގެ ނައިބު އަރީފާ ވެސް އިއްޔެ ބައްދަލުކޮށްފައިވާ ކަމަށް މެނޭޖަރ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ މުޒާހަރާއާ ގުޅިގެން އިއްޔެ ޑޮކްޓަރުން ބަލިމީހުން ބަލަން ފަށާފައިވަނީ އާއްމުކޮށް ބަލި މީހުން ބަލަން ފަށާގަޑިއަށްވުރެ 1 ގަޑިއިރު ފަހުންނެވެ.
ހޮނިހިރު ދުވަހު ކުޅުދުއްފުށީ ހޮސްޕިޓަލު ކައިރީގައި ކުރި މުޒާހަރާގައި ބައެއް ޑޮކްޓަރުންގެ ނަމާއެކު ލިޔެފައިވާ ޕޯސްޓަރުތައް ގެންގުޅުނެވެ. އަދި ބައެއް ޑޮކްޓަރުން އެ ހޮސްޕިޓަލުން “ބޭރު ކުރުމަށް” ވެސް ގޮވާފައި ވެއެވެ.