ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީގައި އަޅަން ހަމަޖެހުނު ޒުވާނުންގެ މަރުކަޒު ” ބަޣާވާތާ” ގުޅިގެން ގެއްލިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ބޭރުގެ ހިލޭ އެހީދޭ ޖަމްއިއްޔާއެއް ކަމަށްވާ ފިދާ އިންޓަނޭޝަނަލާއި ސަރުކާރު ގުޅިގެން ކުޅުދުއްފުށީގައި އަޅަން ހަމަޖެހުނު ޔޫތު ސެންޓަރުގެ މަސައްކަތް ހުއްޓުނީ ސަރުކާރުން ދޭންޖެހޭ ފައިސާ ހަމަޖައްސައި ނުދިނުމުން ކަމަށެވެ.
“2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު މިގައުމަށް ގެނެވުނު ބަޣާވާތާ ގުޅިގެން އޭރު ކުޅުދުއްފުށީގައި އެޅުމަށް ތައްޔާރުވަމުން ދިޔަ ޔޫތު ސެންޓަރ ވަނީ ގެއްލިގެން ގޮސްފަ” ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒުވާނުންގެ މަރުކަޒު ގެއްލިފައިވަނީ އެތަން އެޅުމަށް ބޭނުންވާ ބިން ސާފުކޮށްފައިވަނިކޮށް ކަމަށެވެ.
“މަޝްރޫއަށް ފިދާއިން ދޭން ޖެހޭ ފައިސާ ވަނީ އޭރު ހަމަޖެހިފަ. އެހެންނަމަވެސް އޭރުގެ ސަރުކާރުން (ވަހީދުގެ) ދޭން ޖެހޭ ފައިސާ ހަމަޖައްސައި ނުދީގެން އެކަން ނުވީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބުނީ. ކުރީގެ ކައުންސިލުންވަނީ ޒުވާނުންގެ މަރުކަޒު އެޅުމަށްޓަކައި ކުޅުދުއްފުށީ އުތުރު ފަރާތު ބިމެއް ވެލިއަޅައި ސާފުވެސް ކޮށްފަ.” ރައީސް އަލީ ވިދާޅުވި އެވެ.
ފިދާ އިންޓަނޭޝަނު 27 މިލިއަންގެ ރުފިޔާ އިތުރުން ސަރުކާރުން އެހީދީގެން ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެއްސި ޒުވާނުންގެ މަރުކަޒަކީ ރާއްޖޭގައި އަޅަން ހަމަޖެހުނު އެންމެ ބޮޑު ޒުވާނުންގެ މަރުކަޒެވެ.
އަލީ ވިދާޅުވީ ޒުވާނުންގެ މަރުކަޒަށް ވީނުވިއެއް ނޭގިފައިވާތީ ކައުންސިލުން ކަންބޮޑުވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެތައް ޒުވާނުންގެ ހައްގުތަކެއް ގެއްލިގެންގޮސްފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ޔޫތު މިނިސްޓްރީން ކުޅުދުއްފުށީ ޒުވާނުގެ މަރުކަޒުގެ އެއްވެސް މައުލޫމާތެއް މިހާތަނަން ކައުންސިލާ ހިއްސާކޮށްފައި ނުވާކަމަށް ކައުންސިލުން ބުނެ އެވެ.
ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހުނު އެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްކުރުމަށް އޭރުގެ ސަރުކާރުން ބަޔަކާއެކު ސޮއިކޮށްފައި ވެއެވެ. ނަޝީދުގެ ސަރުކާރުން އަމިއްލަ ކުންފުންޏެއް ކަމުގައިވާ ހިއުމަން ކޮންސްޓަރަކްޝަނާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.