ކުޅުދުއްފުށްޓަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން އަތުލައިގަތް ހދ.ކުޅުދުއްފުށީ އަބަދަށްހިޔާގެ، އަބުދުލް ހަމީދު(39)ގެ ބަންދުގެ މުއްދަތު ކުޅުދުއްފުށީ ކޯޓުން ދެވަނަފަހަރަށް އިތުރުކޮށްދީފި އެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފަ އެވެ. މީގެ ކުރިންވެސް ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހަމީދުގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހާފަ އެވެ.
ފުލުހުން މީނާ އަތުލައިގަންފައި ވަނީ މިދިޔަ މަހު 27 ވަނަ ދުވަހު ގިނަ އަދަދެއް ގެ މަސްތުވާތަކެއްޗާ، އެތަކެތި ބަންދުކުރަން ގެންގުޅޭ ބައެއް ސާމާނާ އެކުގަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މީނާ ގެނެސް ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މި މައްސަލަ އަންނަނީ ކުޅުދުއްފުށީ ޕޮލިސްޓޭޝަންއިން ތަހްގީގު ކުރަމުންނެވެ.