twitterviber whatsapp telegramfacebookyoutube instagram
14th May 2025

އެމްއެންޑީއެފް އިން ކުޅުދުއްފުށީގައި ހެދި ފުޓްސަލް ދަނޑު ހުޅުވައިފި

Jul 8, 2014

“ޔުނިޓީ ތުރޫ ފުޓްސަލް” ޕްރޮގްރާމްގެ ދަށުން، އެސްޓީއޯ އާއި އެމްއެންޑިއެފް އަދި ޔޫތު މިނިސްޓްރީ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ނިންމާފައިވާ ފުޓްސަލް ދަނޑުތަކުގެ ތެރެއިން ހަތަރު ވަނަ ދަނޑު ރޭ ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

“އެސްޓީއޯ ނޫފަހި ފުޓްސަލް ދަނޑު”ގެ ނަމުގައި ކުޅުދުއްފުށީގައި އެޅި މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސް މުހައްމަދު މަލީހް ޖަމާލެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރ މަލީހް ވިދާޅުވީ ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށާއި، ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށްޓަކައި ބަޖެޓުގެ މިހާ ތާށިކަމުގެ ދުވަސްވަރެއްގައި ވެސް ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންގެ ކުރިމަގަށްޓަކައި މި ކުރާ މަސައްކަތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ޓާރފް ދަނޑުތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އަޅާފައިހުންނަ ފެންވަރުގެ ދަނޑެއް ކަމަށެވެ. އަދި މިރޭ މި ހުޅުވުނު ދަނޑުގެ ބޭނުން ރަނގަޅުގޮތުގައި ޒުވާނުން ބޭނުން ހިފުމަށް ވެސް މިނިސްޓަރ މަލީހް އެދިވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ ދަނޑު ބުކް ކުރުމުގެ ހިދުމަތް ސްޓޭޑިއަމްގައި ގާއިމުކުރެވިފައި ހުންނާނެ ކަމަށާއި އެގޮތުން ރޭގަނޑު 8 ން 12 އަށް ދަނޑުގައި ކުޅެވޭނެ ކަމަށެވެ.

ޒޯން ސްޓޭޑިއަމުގައި ހެދި ޓާރފް ދަނޑުހުޅުވުމުގެ ރަސްމިއްޔާތުގައި ޝުކުރުއަދާކުރެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވީ ޒުވާނުންނަށް އަމާޒުކޮށްގެން ތައްޔާރު ކުރެވެމުންދާ މި ފުޓްސަލް ދަނޑުތަކުގެ ސަބަބުން، ޒުވާނުންގެ ހުސްވަގުތު ހަރުދަނާ ގޮތުގައި ބޭނުން ހިފުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށާއި، އަދި ސިފައިން ކޮށްދޭ މިފަދަ އިޖުތިމާޢީ ކޮންމެ ކަމަކީވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުންދާ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މި ދަނޑު ޔޫތު މިނިސްޓްރީއާ ރަސްމީކޮށް ހަވާލު ކޮށްދެއްވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެ ދަނޑު، މިނިސްޓްރީ އާ ހަވާލުކުރިކަމުގެ ލިޔުމާ ހަވާލުވެވަޑައިގަތީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލެވެ. އެމަނިކުފާނު ވަނީ އެސްޓީއޯ ނޫފަހި ދަނޑު ހެދުމުގެ މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ފިލަޔާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.

ޔޫތު މިނިސްޓްރީއާ ދަނޑު ރަސްމީކޮށް ހަވާލު ކުރުމުން އެ ދަނޑާބެހޭ ހުރިހާ ކަމެއް ބަލަހައްޓާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ނެވެ. މި ފުޓްސަލް ދަނޑު ހަދާފައިވަނީ ޑިފެންސް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި ސިފައިންނާއި އެސްޓީއޯ އަދި އެފްއޭއެމް ގުޅިގެންނެވެ.

[yass cats=92]

ޔޫތު މިނިސްޓްރީއާއި ދަނޑު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އެކުވެރި ކަމުގެ ދެ މެޗެއް މިރޭ ވަނީ ކުޅެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ޓީމަކާއި އެސްޓީއޯ މުވައްޒަފުންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ފުރަތަމަ މެޗް ކުޅެފައިވާއިރު، ދެވަނަ މެޗް ކުޅެފައި ވަނީ ކުޅުދުއްފުށިން ހޮވާލެވުނު ޒުވާނުންގެ ދެ ޓީމެއްގެ މެދުގަ އެވެ.

ކުޅުދުއްފުށީގައި ސިފައިން ތައްޔާރުކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ އާއި ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދުގެ އިތުރުން ފުޓްސަލް ދަނޑު ސިފައިން ހަދަމުންދިޔައިރު އެހީތެރިވެއްދެއްވި ފަރާތްތަކުންނާއި، ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ޒުވާނުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355