މި އަހަރުގެ ފިތުރު އީދު ނަމާދު، މިދިޔަ އަހަރުގެ އަޟްހާ އީދު ނަމާދެކޭ އެއް ގޮތަށް އެއް ޖަމާއަތެއްގައި ކުރުމަށް ތައްޔާރުވަމުން އެބަދެ އެވެ.
މިކަން ކުރުމުގައި އިސްކޮށް އުޅޭ ޒުވާނެއް ކަމަށްވާ ހުސައިން އަލީ މިނޫހަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ ރަސޫލާގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގޮތަށް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރުގެ އަޟްހާ އީދު ނަމާދުވެސް ކުރެވުނު ޒޯން ސްޓޭޑިމުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ކުރަން ހަމަޖެހިފައިވާއިރު މިތަނުގައި 8000 މީހުންގެ ޖާގަ ލިބޭނެކަމުގަ ހުސެއިން ވިދާޅުވި އެވެ.
އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވަދެ ނިކުމެވާން ގޭޓުތަށް ހަމަޖައްސާއިރު ނަމާދުގައި ބައިވެރިނުވެވޭ އަންހެނުންނަށް ހުތުބާ އަޑު އެހުމުގެ ފުރުސަތު ހޯދައިދިނުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހުސެއިން ވިދާޅުވީ ބަލިމީހުންނަށާއި މުސްކުޅިންނަށް ހާއްސަކޮށް ގޮނޑި ބެހެއްޓިފައި ހުންނާނެ ކަމަށެވެ.
މިކަމަށް ފަންޑު ރައިޒް ކުރުމަށްޓަކައި އައިލެންޑް ފްރީޒް ފިހާރައިގާ ފަންޑު ފޮއްޓެއް ބެހެއްޓިފައިވާއިރު މިކަމަށް އެމީހަކަށް ވީވަރަކުން އެހީ ތެރިކަން ފޯރުކޮށްދިނުމަކީ މިކަން އިންތިޒާމުކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ. މިކަމަށް އެހީ ތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ބޭފުޅުން މި 7947133،9858133 ނަންބަރުތަކަށް ގުޅުވުމަށްވެސް އެފަރާތުން އެދެ އެވެ.
މިކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ބޭނުންވާ ބޭފުޅުންވެސް މި ނަންބަރުތަކަށް ގުޅައިގެން އެކަން ހަމަޖެއްސުމަށް އެ ފަރާތުން އެދެ އެވެ.
މި ހަރަކާތްކުރިއަށް ގެންދިއުމުގައި ޒިގްޒެގް، ކޮރަލްސް، ޑީއެލްޑީ، ދައްސޫރަ އަދި އެހެން ޖަމާއަތްތަކާއި ގުރޫޕުތަކުން ބައިވެރިވާކަމުގައި ހުސެއިން ފާހަގަ ކުރި އެވެ.
މި ދިޔަ އަހަރު ޒޯން ސްޓޭޑިއަމްގައި ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގައި ހުސްބިމެއްގައި އަޟްހާ އީދު ނަމާދުކުރެވުނުއިރު މި ނަމާދުގައި 1500 އެއްހާ މީހުން ބައިވެރިވި އެވެ.