އައިއޭއޭއެފް ވޯލްޑް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީގެ އެތުލީޓް ހުސައިން ރިޒާ ވާދަކުރާގޮތަށް އެތްލެޓިކްސް އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.
މިމަހުގެ 22 އިން 27 އަށް އެމެރިކާގެ އޮރެގަން ސިޓީގައި ބާއްވާ މި މުބާރާތަށް ހުސައިން ރިޒާ ހޮވިފައިވަނީ މުބާރާތަށް ހާއްސަކޮށްގެން ބޭއްވުނު ޓައިމް ޓްރައިލް އިން އެއް ވަނަ ހޯދުމުންނެވެ.
މުބާރާތަށް ދިޔުމަށް ހުސައިން ރިޒާ މާލެއިން މި މަހުގެ 19 ވަނަ ދުވަހު ފުރާއިރު މުބާރާތުގައި ހުސައިން ރިޒާ ވާދަކުރާ އިވެންޓް ކަމުގައިވާ 400މ ދުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އަދި މުބާރާތް ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.
ރިޒާ އަކީ 2013 ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވުނު އެޓޯލް އިންޓަރ ސުކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ އުމުރު ފުރާއިން 400މ ދުވުމާއި 100މ އަދި 400މ ގެ ރިލޭއިން އެއްވަނަ ހޯދާފައިވާ ވަރަށް އުއްމީދީ އެތުލީޓެކެވެ.
މީގެ އިތުރުން ރިޒާވަނީ 2013 ވަނަ އަހަރު އިންޑިއާގެ ރަންޗިންގައި ބޭއްވުނު ސައުތު އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފަ އެވެ. އަދި މިއަހަރު ބެންކޮކުގައި ބޭއްވުނު ޔޫތު އޮލިމްޕިކް ގޭމްސްގެ ކޮލިފިކޭޝަންގައިވެސް ރިޒާވަނީ ވާދަކޮށްފަ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީގެ ދަށުން އިންޑިއާގައި އެތްލެޓިކްސް ތަމްރީނު ހަދަމުން އަންނަ ހުސައިން ރިޒާގެ ކޯޗެއްގެ ގޮތުން މި މުބާރާތުގައި ހަރަކާތްތެރިވާނީ ސްޕްރިންޓް ޕޫލް ކޯޗް އަހްމަދު އަޒީލް އެވެ.