ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަންކުރުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުވުމުގެ ސަބަބުން ހދ. ނޮޅިވަރަމް މީހަކު ހޯދުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރު ކޮށްފި އެވެ.
ޝަރީއަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިފައިވަނީ ހދ. ނޮޅިވަރަމް، އެކޭލާގެ، އަލީ ޝަމީމް (30އ) އެވެ.
ފުލުހުން އޭނާ ހޯދަމުންދަނީ އޭނާ ބަންދުގައި ބަހައްޓައިގެން ޖުލައި 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
އަލީ ޝަމީމުގެ އިތުރުންވެސް ފުލުހުން ދަނީ ކްރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން އިތުރު ދެ މީހަކު ހޯދަމުންނެވެ. އެއީ ލ. ފޮނަދޫ، ކެނެރީގޭ އާދަމް ނައުޝާދު (29އ) އާއި ތ. ތިމަރަފުށި، ކަރަންކާވިލާ އަހުމަދު ޝަމީމް (47އ) އެވެ. އެ ދެ މީހުންވެސް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަންގާފައިވަނީ ޖުލައި 13 އަށެވެ.