ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން ކުޅުދުއްފުށީގައި ލޮރީ ބުރެއް ބާއްވައިފި އެވެ.
މިއަދު 16:30 ގައި ޖަލާލުއްދީން ސްކޫލުކައިރިން ފެށި މި ލޮރީ ބުރުގައި އަޑުގަދަކުރާއިންނާއި ބެނާތަކުގެ އެހީގައި އިސްރޭއިލާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ.
އެސޯސިއޭޝަން އޮފް ކަލްޗަރަލް އެންޑް ސޯޝަލް ކޯޕަރޭޝަން (އޭސީއެސްސީ) އިންތިޒާމުކުރި މި ލޮރީ ބުރުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ކުޅުދުއްފުށީ ރައްޔިތުންވާކަން ފާޅުކޮށްފައިވާއިރު ކުޅުދުއްފުށީ ބޮޑެތި ހުރިހާ މަގެއްގައި ވަނީ މި ލޮރީ ބުރު ޖަހާފަ އެވެ.
މި ލޮރީ ބުރުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސާއި ނައިބު ރައީސް އަދި ކުޅުދުއްފުށީ ރަށު ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކައުންސިލު އިތުރު މެންބަރުންވެސް ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވެ އެވެ.
މި ލޮރީ ބުރަކީ އަތޮޅުތެރޭގެ ރަށެއްގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ވާކަން ހާމަކޮށް އިޒްރޭލާ ދެކޮޅަށް ޝުއޫރު ފާޅުކުރުމަށް ބޭއްވި ފުރަތަމަ ހަރަކާތެވެ.
މާދަމާ ރޭ މާލޭގައި، ޒުވާނުން އިންތިޒާމުކޮށްގެން އިޒްރޭލާ ދެކޮޅަށް ޝުއޫރު ފާޅުކުރުމަށް “ފްރީ ފަލަސްތައިން ރެލީ ބައި މޯލްޑިވްސް”ގެ ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް މެދު ނުކެނޑި ހަމަލާދޭތާ 7 ދުވަސް ވެފައިވާއިރު 170 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުން ދިފާއުވުމުގެ ނަމުގައި ދެމުންގެންދާ މި ހަމަލާތަށް ހުއްޓާލާ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމަށް އދ ގެ ސަލާމަތީ މަޖިލީހުން ވަނީ ރޭ ބަޔާނެއް ނެރެފަ އެވެ.
[yass cats=93]