ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓާތަކަށް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށް ދިނުމަށް ހެލްތް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހދ. އަތޮޅު ކައުންސިލުގެ ރައީސް އާދަމް ނާސިރު ވިދާޅުވެއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ބޭނުންވާ ސާމާނާއި ޑޮކޮޓަރުން ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ފިޒިޝަނެއް ވަރަށް އަވަހަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑޮކްޓަރުން ހޯދުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުން ކަމަށާއި ފުރަތަމަ ލިބޭ ޑޮކްޓަރުން ފޮނުވާނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ކަމުގެ ޔަގީންކަން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މާހިރު ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އިއްޔެ މިނިސްޓްރީން އެސްޓީއޯއާ އެކު ސޮއިކުރި އެއްބަސްވުން އޭނާ ފާހަގަކުރެއްވި އެވެ. އެ އެއްބަސްވުމަކީ ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލް ގުޑްސް އާއި ލެބޯޓްރީތަކަށް ބޭނުންވާ ރީ-އޭޖެންޓްސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެވެ.
އެސްޓީއޯއާ އެކު ފަސް އަހަރު ދުވަހަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓާތަކަށް ބޭނުންވާ ސާމާނު ދެމެހެއްޓެނިވި ގޮތަކަށް ފޯރުކޮށް ދެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ.
ސިއްހީ ދާއިރާގެ ފެންވަރު ދަށް ވެފައިވާތީ އަތޮޅު ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ފުރިހަމަ ކޮށްދޭން އެދިފައިވާ ކަންތައްތައް 30 ދުވަސް ވެގެންދިޔަ އިރު ފުރިހަމަ ވެފައި ނުވިކަމުގައިވިޔަސް އެ ކަންތައްތައް ފުރިހަމަ ކޮށްދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާތީވެ އަދި އިހުތިޖާޖަށް ނުވިސްނާ ކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް އޭގެ މާނައަކީ ދިގު މުހުލަތެއް ދިނުން ނޫން ކަމަށް ނާސިރު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަންހެނުންގެ ހާއްސަ 2 ޑޮކްޓަރުންނާއި އެތެރެހަށީގެ ޑޮކްޓަރަކާއި ހިތުގެ ހާއްސަ ޑޮކްޓަރަކާއި އަލްޓްރާ ސައުންޑް ސްކޭނަރަކާއި އެކްސްރޭ މެޝިނަކާއި 4 އީސީޖީ މެޝިން އަދި 2 ފީޓަލް ޑޮޕްލަރު ފޯރުކޮށްދީ، ވަސީލަތްތައް ގާއިމްކޮށްދިނުމަށް ސަރުކާރަށާއި ހެލްތު މިނިސްޓްރީއަށް އިލްތިމާސް ކޮށްފައިވެ އެވެ.
އަދި 30 ދުވަހުގެ ތެރޭގައި ކައުންސިލުގެ އިލްތިމާސްއަށް އެކަށީގެންވާ އިޖާބައެއް ސަރުކާރާއި ކަމާ ބެހޭ މުއައްސަސާތަކުން ނުދީފިނަމަ އިހްތިޖާޖަށް ނުކުނަން ޖެހިދާނެ ކަމަށްވެސް އެ ނޫސް ބަޔާނުގައިވެ އެވެ.