ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ވެހިކަލްތައް ވެސް ހުރީ އެއްގަމު އުޅަނދު ފަހަރުގެ ގާނޫނާ ހިލާފަށްކަން އެނގިއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން “ކުޅުދުއްފުށި އޮންލައިނަން” މައުލޫމާތުދީފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ޓޭޝަނުންގައި މަސައްކަތްކުރާ 21 ފުލުހެއްގެ ސައިކަލް ޗެކް ކުރިއިރު އޭގެ ތެރެއިން އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެއްގޮތަށް ދައްކަންޖެހޭ ފީތަކާއި އެހެނިހެން ކަންކަން ހަމައަށް ހުރީ 7 ސައިކަލެއްގައި އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަނުގައި އެއްގަމު އުޅަނދުފަހަރުގެ ގާނޫނާ ހިލާފުވި 14 އުޅަނދެއް ދުއްވި ފުލުހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން މި ނޫހަށް ވަނީ އެނގިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓްރެފިކް އޮޕަރޭޝަނުތަކުގައި ފުލުހުންގެ ސައިކަލުތައް ވިޔަސް އެއްގަމު އުޅަނދު ފަހަރުގެ ގާނޫނާ ހިލާފުވެއްޖެނަމަ ފިޔަވަޅު އެޅޭނެ ކަމަށެވެ.
ފުލުހުން ބުނީ ފުލުހުންގެ ތެރޭގައި ކުރިއަށްގެންދާ އިންސްޕެކްޝަންތަކާއި ޓްރެފިކް އޮޕަރޭޝަންތަކަކީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ހިންގާ އިންސްޕެކްޝަންތަކުގައި ކޮންމެ ފަހަރު ފިޔަވަޅު ނާޅާނެ ކަމަށް ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދެއެވެ.
ކުޅުދުއްފުށީގައި ރޯދަމަހާ ދިމާކޮށް ފުލުހުން ޓްރެފިކް އޮޕަރޭޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަނުގައި ވެސް ގާނޫނާ ހިލާފަށް ހުރި ގިނަ އަދަދެއްގެ ވެހިކަލް ދުއްވި ފަރާތްތަތަކާމެދު ފިޔަވަޅު އަޅާފައި ވެއެވެ.