ޕްރީ ސްކޫލުތައް ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކަކާ އެއްގޮތަށް ހިންގުމަށްޓަކައި ހުރިހާ ޕްރީ ސްކޫލެއް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރާނެ ކަމަށެވެ.
މި އަހަރުތެރޭގައި 2،000 ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮފްރާމެއް ފެށުމަށް ނިންމާފައިވާ ކަމަށާއި އެ ޕްރޮގްރާމުގެ ތެރޭގައި 200 ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ވެސް ތަމްރީނު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ގިނަ ރަށްރަށުގައި ޕްރީ ސްކޫލުތައް ހިންގަމުން އަންނަނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ. އަދި އަމިއްލަ ފަރާތްތަކުން ގިނަ ޕްރީ ސްކޫލުތަކެއް ހިންގަމުން އަންނައިރު، ޕްރީ ސްކޫލުތައް ހިންގާނެ ވަކި އުޞޫލެއް ކަނޑައަޅާފައެއް ނުވެއެވެ.